މަޟާން މަހުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖާ ގުޅޭގޮތުންވާހަކަ ދައްކަވައިފިއެވެ.
ރޭ ބޭއްވުނު މި ފޯރަމްގެ މައުޟޫއަކީ "އިސްލާމީ ތަޢުލީމީ ނިޒާމު" އެވެ. ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވި ގޮތުގައި އިސްލާމީ ޤައުމެއްގެ ތަޢުލީމީ ނިޒާމު އޮންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެ މައްޗަށެވެ. އަދި ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތަޢުލީމީ މަންހަޖުގެ އެންމެ މުހިންމު އަސާސަކީ، އިސްލާމީ ޢަޤީދާ ވަރުގަދަ ކުދިން މުޖުތަމަޢަށް ނެރުންކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، މުޖުތަމަޢުން މިހާރު ފެންނަމުންދަނީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް އިސްލާމްދީނާ ބީރައްޓެހި ކަންތައްތައް އާންމުވަމުންދާ މަންޒަރުކަމަށް ޑރ. ޒާހިރު ފާހަގަކުރެއްވިއެވެ. މީހުންގެ އަބުރާއި ކަރާމާތަށް އަރައިގަތުމާއި، ދޮގު ވާހަކަތައް ފެތުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، ރާއްޖޭގައި އޮތް ތަޢުލީމީ މަންހަޖު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުވަމުންދޭތޯ ސުވާލު އުފައްދަން ޖެހޭކަމަށް ވިދާޅުވިއެވެ.
"މައްސަލައަކީ އުނގަންނައިދެވޭ ގޮތްތޯ ނުވަތަ އުނގެނެމުގައި ދިމާވާ މައްސަލައެއްތޯ ދެނެގަންނަންޖެހޭ ޙާލަތަށް މިކަން ގޮސްފައިވާ" ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި މުޖުތަމަޢުން ފެންނަމުންދާ ނޭދެވޭ ސިފަތަކަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ޙައްލު ގެނެވެންޖެހޭނެ ކަންތައްތަކެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޑރ. ޢަލީ ޒާހިރު އިތުރަށް ވިދާޅުވީ، "ތަޢުލީމުގައި ކިޔަވައިދެވޭ އެންމެހާ މާއްދާތަކާއި ކިޔަވައިދިނުމުގައި ބޭނުންކުރާ އެންމެހާ އުކުޅުތަކާއި ކިޔަވާއިދިނުމާއި ގުޅުންހުރި އެންމެހާ ޙަރަކާތްތަކާއި އެދުރުންގެ ޙަރަކާތްތަކާއި ކިޔަވާ ކުދިންގެ ހުންނަންޖެހޭ އަދަބުތަކާއި އުޅުންތަކާއި ގުޅުންތައް، އެހުރިހާކަމެއްވެސް ބިނާވެފައި ހުންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި އެއްގޮތަށް" ކަމަށެވެ.
އިސްލާމީ ޤައުމެއްގެ ތަޢުލީމީ ނިޒާމު ސީދާ ވާންޖެހެނީ އިސްލާމީ ޢަޤީދާއާ ގުޅިފައިކަމަށާއި، މިރޮނގުން މަސައްކަތްކުރުމަކީ ތަޢުލީމީ ނިޒާމުގައި ހިމެނޭ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއްކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި ދީނާ ފުށުއަރާ ކަންކަން ކުދިންނަށް ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ދަސްކޮށްދެވިގެން ނުވާނެކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ އިޤްތިޞާދުގެ މިސާލު ދެއްވަމުން، ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މާލީ ނިޒާމުގެ މާއްދާތައް ކިޔަވައިދިނުމުގައި ރިބާގެ ނުބައިކަން ދަރިވަރުންނަށް ބުނެދޭންޖެހޭނެކަމަށެވެ. ތަޢުލީމު ފޯރުކޮށްދިނުމުގައި ކީރިތި ރަސޫލާ މުޙައްމަދު (ޞ.ޢ.ވ) ނަމޫނާއަކަށް ބަލަންޖެހޭކަމަށްވެސް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.