550 އަށްވުރެ ގިނަ މަޝްރޫޢުތައް އަންނަ ދެމަހުގެ ތެރޭގައި ފެށިގެންދާނެ: ރައީސް

550 އަށްވުރެ ގިނަ މަޝްރޫޢުތައް އަންނަ ދެމަހުގެ ތެރޭގައި ފެށިގެންދާނެ: ރައީސް

ގުޅުންހުރި

ރާއްޖޭގައި މިހާރު ހުއްޓިފައިވާ އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ 550 އަށްވުރެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް މިމަހާއި އަންނަމަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ރައީސް ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ނަމުގައި ފައްޓަވާފައިވާ ޕޮޑްކާސްޓުގެ ތެރެއިން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވަމުންނެވެ.

"މި ބަންދުތެރޭގައިވެސް، ފާއިތުވި 10 ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިމަހާއި އަންނަމަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ފެށިގެންދާނެ. ރަށްރަށުގެ މަޝްރޫޢުތައްވެސް ވަރަށް ހަލުވިކޮށް ކުރިއަށްދާނެ," ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ފެނިގެންދާނީ ސަރުކާރުން އިޤްތިޞާދު މެނޭޖުކުރަމުން ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ މަންޒަރުކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިފަހަކަށްއައިސް ސަރުކާރުގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ސަރުކާރު ކުންފުނިތަކާއެވެ. މިގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ އަދި އެމްޓީސީސީއާ ގިނަ މަޝްރޫޢުތަކެއް ވަނީ ހަވާލުކުރެވިފައެވެ.

ނަމަވެސް ފާއިތުވި އަހަރާ އަޅާބަލާއިރު، މިއަހަރު މަޝްރޫޢުތަކަށް ކުރެވުނު ހޭދަ ވަރަށްބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ބޮޑު އަދަދެއްގެ ފައިސާވެސް ނުދެއްކި އޮތްއިރު، މި ފައިސާ ރަމަޟާން މަހުގެ ކުރިން ދައްކާ ނިންމާނެކަމަށް ކުރިން ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު މިފަހުން ހާމަކުރެއްވި ގޮތުގައި މިއަހަރާއި އަންނަ އަހަރަކީ ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ދެ އަހަރުކަމަށާއި، މި މަސައްކަތްތަކަށް މިއަހަރުގެ ބަޖެޓުގައި ބޮޑު ބައެއް ވަނީ ޚާއްޞަކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ