ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި ޕްރޮމޯޝަނަލް ކެމްޕޭނެއް އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިމަހުގެ 13 ވަނަ ދުވަހު ލިވަޕޫލް ކްލަބާއެކު ސޮއިކޮށްފައިވަނީ ރާއްޖެ އެ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖައްސައިގެންނެވެ.
އެމްއެމްޕީއާރުސީން މިއަދު ހާމަކުރި ގޮތުގައި، މި ކެމްޕޭންގެ ދަށުން އިނގިރޭސިވިލާތުގެ މުހިންމު ސަރަހައްދުތަކުގައި ކުރިއަށް އޮތް 3 މަސްދުވަހު ހައި-އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. މިގޮތުން ލަންޑަންގެ 100 އަށްވުރެ ގިނަ ޓެކްސީތަކާއި ބަސްތަކުގައި ރާއްޖޭގެ މަންޒަރުތައް ފެންނާނެއެވެ. އަދި ލަންޑަން އަންޑަގްރައުންޑް، ބޮޑެތި އެއާޕޯޓުތަކާއި ވިޔަފާރި ލައުންޖްތަކުގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ބެހެއްޓޭނެއެވެ.
މި ޕްރޮމޯޝަނަލް ކެމްޕޭނުގެ ސަބަބުން 76 މިލިއަން މީހުންނަށް ރާއްޖޭގެ ޓޫރިޒަމްގެ މައުލޫމާތު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށާއި، ރާއްޖެއަކީ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދެމިއޮތުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގެ އިތުރުން، ވިލާތުގެ އެހެން ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރުން ޗައިނާއާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތައް ހިމެނޭ 100 ގައުމެއްގައި ހިންގާ ލިވަޕޫލްގެ 316 އޮފިޝަލް ސަޕޯޓަރުންގެ ކްލަބްތަކާއެކު ޓާގެޓަޑް ކެމްޕޭންތަކެއް ހިންގުމަށްވެސް ވަނީ ރޭވިފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން އަންދާޒާކުރެއެވެ.
ލިވަޕޫލާއެކު ހިންގާ މި ހަރަކާތުގެ ސަބަބުން މިއަހަރު 100,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެއަށް 200 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭނެކަމަށްވެސް އެމްއެމްޕީއާރުސީން ލަފާކޮށްފައިވެއެވެ.