ރަމަޟާން މަހު ސްކޫލުތައް ބަންދުކުރުމަށް ވިސްނަނީ

ރަމަޟާން މަހު ސްކޫލުތައް ބަންދުކުރުމަށް ވިސްނަނީ

ގުޅުންހުރި

ދަރިވަރުންގެ ކިޔެވުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އިންތިޒާމުތަކެއް ހަމަޖައްސައި، ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ސްކޫލުތައް ބަންދުކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ސަރުކާރުން ހާމަކުރީ "ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ކިޔަވައިދޭ ދުވަސްތަކާއި ގަޑިތައް ނުގެއްލޭ ގޮތަށް، ކުރިއަށް އޮތް އަހަރުތަކުގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް ސްކޫލުތައް ބަންދުކުރެވޭނެ ގޮތެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުއަށް ދަންނަވާފައިވާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ކުރިން ހަމަޖެހިފައި އޮތީ ރަމަޟާން މަހުގެ އެއް ހަފްތާ ފިޔަވައި މުޅި މަސް ސްކޫލުތައް ބަންދުކުރުމަށެވެ. ނަމަވެސް ފަހުން އެކިއެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރުމަށް ނިންމުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމާ ގުޅޭގޮތުން އެދެވޭ، ރަނގަޅު ޚިޔާލުތަކެއް ލިބިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭ ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަވާތީ ކުރިއަށް އޮތް އަހަރުތަކުގައިވެސް އެކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ ރަމަޟާން މަހުގައި ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ފުރުޞަތު ލިބިގެންދާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެގޮތަށް ޢަމަލުކުރައްވަމުން ގެންދަވައެވެ.

ރައީސް ވިދާޅުވީ ރަމަޟާން މަހަށްފަހު އަންނަ ޢީދު ބަންދާ ގުޅިގެން ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައްވެސް ރައީސް ހިއްސާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ