ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޚާއްޞަ ޕޮޑްކާސްޓެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނާއި މީސް މީޑިއާ މަންސަތަކުން ދައްކާނެއެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ. އެގޮތުން "ރައްޔިތުންގެ އަޑު" ޕޯޓަލް އާއި "އަހާ ފޯރަމް" ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.