ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް މާލެއިން މިހާރު ބިމެއް ހަމަޖައްސައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ ފުރަތަމަ ދަސްވެނިވުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މި ވަޤުފް އިމާރާތާ ބެހޭ ސިޓީ ސަރުކާރު ހުޅުވޭތަނުން އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެއެވެ. އަދި މި އިމާރާތް އެޅިގެން ދިޔުމުން އެއީ ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށާއި، އޭގެ ފުރިހަމަ ނަތީޖާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ޖުމްލަ 24 ހާފިޒުން ދަސްވެނިވި ކަމަށާއި، މިއީ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއް ނަމަވެސް، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އުއްމީދުތައް މިއަށްވުރެ މަތީގައި ބެހެއްޓެން ޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެނީ އަދި އަމަލީ ގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރުދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރުގަ ނޯންނާނެ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ، ޤައުމުގައި އިސްލާމް ދީނަށް ނަސްރުދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކުން ނުކުންނާނީ ހެޔޮ ނަތީޖާ ކަމަށާއި، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އިތުރު ހާފިޒުން ނެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.