ޑިއުޓީ ފްރީ ސިނގިރޭޓް ޤަވާޢިދާ ޚިލާފަށް އެތެރެކުރަން މަސައްކަތްކުރި ފުލުސް މީހާ ސަސްޕެންޑްކޮށްފި

ޑިއުޓީ ފްރީ ސިނގިރޭޓް ޤަވާޢިދާ ޚިލާފަށް އެތެރެކުރަން މަސައްކަތްކުރި ފުލުސް މީހާ ސަސްޕެންޑްކޮށްފި

Author
ހުސައިން
27 މާރޗް 2025 01:02
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިޕާޗަރ ޓާމިނަލުން ޑަސްބިން ބޭގުތަކަށް ސިނގިރޭޓް ކާޓޫންތަކެއް އަޅައިގެން ނެރެން އުޅުނު ފުލުސް މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މިރޭ ދެއްވި މަޢުލޫމާތުގައި، އެއަރޕޯޓުގައި ޑިއުޓީ އަދާކުރާ ސާޖަންޓް ޔޫސުފް ނަޒީރު މިއަދުން ފެށިގެން މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އިއްޔެ ހެނދުނު 6:20 ހާއިރު ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައިގެ ތުހުމަތުގައި ނަޒީރުގެ އިތުރުން އަދި އެހެން ފަރާތެއް ވެސް ހައްޔަރުކޮށްފައިވެއެވެ. މިދެ މީހުން ވެސް ފަހުން ކޯޓުން ދޫކޮށްލާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި މ. ސިލްވަނެސްޓް، އަޙްމަދު އަފްސަލް (45 އަހަރު) އާއި ދަފްތަރު ނަންބަރު ރސ 14358، ޔޫސުފް ނަޒީރު (38 އަހަރު) ހިމެނެއެވެ.

ޑަސްބިން ބޭގުތަކުން ފެނުނު ސިނގިރޭޓް ކާޓޫންތަކުގެ އަދަދު އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދަނީ މިހާރު ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.