ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމީހަކު ބޭނުންވާހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމެއް ނޫން، ޙައްޤުތަކާއެކު ޙުދޫދުތައްވެސް އޮވޭ: ރައީސް

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމީހަކު ބޭނުންވާހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމެއް ނޫން، ޙައްޤުތަކާއެކު ޙުދޫދުތައްވެސް އޮވޭ: ރައީސް

ގުޅުންހުރި

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެމީހަކު ބޭނުންވާހާ އެއްޗެއް އަނެކާއާ ދިމާލަށް ކިޔުމެއް ނޫންކަމަށާއި، ކޮންމެ ޙައްޤަކާއެކުވެސް ޙުދޫދުތަކެއް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ކީރިތި ޤުރުއާން ކިޔަވަން ދަސްކުރުމުގެ އިތުރުން، އަމަލީގޮތުން ދިރިއުޅުން ބައްޓަންކުރުމުގައި ޤުރުއާން ބޭނުންކުރަންޖެހޭ ކަމަށެވެ.

ދިވެހި މުޖުތަމަޢުގައި މިހާރު ކަންކަން ހުރިގޮތާމެދު ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ސުވާލުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މުޖުތަމަޢުގެ ޙާލަތަށް ބަލާއިރު، އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި، ދެބަ އޮޑުވުމާއި، ނެތި މޮށުމާއި، ދޮގު ވާހަކަތައް ފެތުރުންފަދަ ނޭދެވޭ އާދަތައް އަށަގެންފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ޚިޔާލު ތަފާތުވުމާއެކީގައި، ވާދަވެރިކަމުގެ ތެރެއިންވެސް ގޮސް އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަބުރަށް މި އަރައިގަންނަނީ. އާއިލީ މައްސަލަތަކުގައާއި، އޮފީސްތެރޭގައިވެސް، ކޮންމެ ކުޑަ ޖަމާޢަތެއްގެ ތެރޭގައިވެސް އެކަކު އަނެކަކުގެ އިންސާނީ ކަރާމަތަށް މި އަރައިގަންނަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގައި އިންސާނުން އުޅެންވީގޮތް އަންގަވާފައިވާއިރު، އެގޮތަކީ މިހާރު މުޖުތަމަޢުގައި ޢަމަލުކުރަމުންދާގޮތް ނޫންކަން ހަނދާންކޮށްދެއްވައި، ހެޔޮ ނިޔަތުގައި ކަންކަން ކޮށްގެން މުޖުތަމަޢު އިޞްލާޙުކުރެވިދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ މީހަކަށްވެސް ކަރާމާތް ލިބިގެންވާކަމަށް ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށާއި، އޭގެ މާނައަކީ ކޮންމެ މީހަކީވެސް އަނެއް މީހާއަށް އިޙްތިރާމް އަދާކުރަންޖެހޭ މީހެއްކަމަށް ހަދަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ތިމަންނަ މަތިވެރިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ޙައްޤަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ޙައްޤުތަކާއެކީގައި އޭގެ ޙުދޫދުތައްވެސް އޮވޭ. ރައިޓްސްއާއެކީ ލިމިޓޭޝަންސް އޮވޭ. އެހެންނޫނީ އިންސާނީ މުޖުތަމަޢެއް ހެޔޮގޮތުގައި ކުރިއަށް ނުދާނެ،" ރައީސް ވިދާޅުވިއެވެ.

މުޖުތަމަޢު ރަނގަޅުވާނީ އަނެއް އިންސާނާއަކީވެސް ތިމާފަދައިން ކަރާމާތްތެރިކަން ލިބިގެންވާ މީހެއްކަން ޤަބޫލުކުރެވުނު ދުވަހަކުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅުތައް އައިސްފައިވަނީ، އެމަނިކުފާނުގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން އަންނަފަދަ ވާހަކައެއް އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށްބުނެ، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނިކޮށެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ވަނީ ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލަކު ވޭޕްކުރެއްވުމުން ކަމަށް ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ފަސްޓް ލޭޑީގެ ފަރާތުން ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، އޭނާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ވަނީ، މުޒާހަރާގައި ދައްކާފައިވަނީ އެއްވެސް ޙާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަފަދަ ވާހަކައެއް ނޫންކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ