ޖޭއެސްސީގައި ސުޕްރިމްކޯޓު ތަމްސީލު ކުރާނީ ފަނޑިޔާރު ޝަހީދު

ޖޭއެސްސީގައި ސުޕްރިމްކޯޓު ތަމްސީލު ކުރާނީ ފަނޑިޔާރު ޝަހީދު

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމެއްގައި، އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެންބަރުގެ މަޤާމަށް، އެ ކޯޓަށް މިފަހުން އައްޔަންކުރެވުނު ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފިއެވެ.

މީގެ ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓުން ހުންނެވި މެންބަރަކީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެހެންނަމަވެސް، ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ، ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހެންވުމުން، ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަންކުރެވުނީ މިދިޔަ ހަފުތާގައެވެ.

ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރުމަށް ނިންމި ނިންމުމަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމެއް ކަމަށް އެ ކޯޓުން މަޢުލޫމާތު ދެއެވެ.

ފަނޑިޔާރު ޝަހީދަކީ މީގެ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮމިޝަނެކެވެ. އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، އަދި ބަދަލުކުރުމުގެ ޒިންމާ މި ކޮމިޝަނާ ހަވާލުކުރެވިފައިވެއެވެ.

މީގެއިތުރުން، ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، އެފަދަ މައްސަލަތަކުގައި ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވަނީވެސް ޖޭއެސްސީއަށެވެ. އަދި ފަނޑިޔާރުން މަޤާމުން ވަކިކުރަންޖެހޭ ހާލަތްތަކުގައި، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީވެސް މި ކޮމިޝަނުންނެވެ. އޭގެއިތުރުން، އަދުލު އިންސާފު ޤާއިމުކުރުމުގެ ކަންކަން ހިންގުމާއި ކޯޓުތަކާ ގުޅޭ އެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާ ކޮމިޝަނަކީވެސް ޖޭއެސްސީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ