ބޭންކް އޮފް މޯލްޑިވްސްއިން ހއ. އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓްހައުސް ފައިނޭންސިންގ ޕްރޮޑަކްޓެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި ޕްރޮޑަކްޓް ތަޢާރަފްކުރުމަށް ހއ. ފިއްލަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ފިޔަވަޅަކީ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ދިވެހިންގެ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
"މި ޕްރޮޑަކްޓުގެ މައިގަނޑު މަޤްޞަދަކީ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށާއި، އައު ފުރުޞަތުތައް އުފެއްދުމަށާއި، ހއ. އަތޮޅުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވިޔަފާރިވެރިންނަށް އެހީތެރިވުމެވެ" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދުގެ އިތުރުން ބޭންކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދާދި ފަހުން ބޭންކުން ވަނީ ގެސްޓްހައުސް ފައިނޭންސިންގ ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް، ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ފައިނޭންސިންގއަށް ހުށަހަޅާއިރު ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ވެސް ހަމަޖައްސާފައިވެއެވެ.
ބޭންކުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، "ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ."
ބޭންކުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް" ކަމަށެވެ.