ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 150,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) އިން އަންދާޒާކޮށްފިއެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ މުހައްމަދު ޖައުޝަން ވިދާޅުވެފައިވަނީ، މި މައުރަޒަކީ ވިޔަފާރިތަކަށް ވަރަށް ބޮޑު މާކެޓެއް ލިބިގެންދާނެ ފުރުޞަތެއް ކަމަށެވެ.
"އަޅުގަނޑުމެން އަންދާޒާކުރަނީ ގާތްގަނޑަކަށް 150,000 އަށްވުރެ ގިނަ މީހުން މައުރަޒަށް ވަޑައިގެން އެކްސްޕީރިއަންސް ކުރައްވާނެކަމަށް. އެ ޕްރޮޑަކްޓްތައް ބަލާލާ ރަނގަޅު ފީޑްބެކްއެއް ލިބިގެންތާ ޑިވެލޮޕްވެގެން ރަނގަޅު މާކެޓަކާއި ހަމައަށް ގެންދެވޭނީ. އެ ފުރުޞަތު މީގެތެރެއިން ލިބިގެންދާނެ،" ޖައުޝަން ވިދާޅުވިއެވެ.
ޖައުޝަން އިތުރަށް ފާހަގަކުރެއްވިގޮތުގައި މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ބޭރުގެ އިންވެސްޓަރުންނާ ބައްދަލުވުމަށްވެސް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ. މިފަދަ މައުރަޒުތަކުން ދިވެހި އުފެއްދުންތެރިންގެ ޕްރޮޑަކްޓްތައް ތަރައްޤީކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި އިޤްތިޞާދީ މައުރަޒުތަކުގެ ތެރެއިން އެއް މައުރަޒުކަމަށްވެފައި، އެތައް ވިޔަފާރިވެރިއަކަށް އެމީހުންގެ އުފެއްދުންތައް ހާމަކޮށް، އާ މާކެޓްތައް ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެވެއެވެ.