ހއ. ތަކަންދޫގައި ލޯކަލް ޓޫރިޒަމް ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތަކަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ހުރި ތާރީޚީ ތަންތަން ބައްލަވާލެއްވި ކަމަށެވެ.
"މިފަދަ ތަންތަނަކީ ދިވެހިންގެ ސަޤާފަތާއި ތާރީޚު ދައްކުވައިދޭ ތަންތަން ކަމަށްވުމުން އެތަންތަން ހިމާޔަތްކުރުމަކީ މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވި" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅަށްފަހު، ތަކަންދޫގައި ހުރި އާސާރީ ތަންތަން ދިރާސާކުރުމަށް ޚާއްޞަ ޓީމެއް ރައީސް ފޮނުއްވި ކަމަށާއި، އެ ދިރާސާތައް މިހާރު ވަނީ ނިމިފައިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ރަށްރަށުގައި ހުރި މިފަދަ ތަންތަނަކީ މުޅި ދުނިޔެއަށް ދައްކުވައިދޭންޖެހޭ ތަންތަން. މި ތަންތަން ނަކަލުކޮށް ޑިސްޕްލޭ ކުރެވޭނެގޮތް ހަދައި، މުޅި ދުނިޔެއަށް ދައްކުވައިދޭން ފެށުމަކީ މުހިންމު ކަމެއް" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ތަކަންދޫގައި ހުރި ތާރީޚީ ތަންތަނަށް ޚާއްޞަކޮށްގެން ލޯކަލް ޓޫރިޒަމް ފެށުމުގެ މަސައްކަތް މިހާރު ސަރުކާރުން ދަނީ ކުރަމުންކަމަށެވެ. އަދި ކުރިއަށް އޮތީ ހއ. އަށް ވަރަށް ފަހި ފާގަތި ދުވަސްތަކެއް ކަމަށާއި، ރައީސް ކުރައްވާ މަސައްކަތްތައް ފެނި، އެމަސައްކަތްތައް ދަނީ ކާމިޔާބުވަމުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޖަނަވަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ، އެރަށުގައި ހުރި ތާރީޚީ ތަންތަނަށް އިސްކަންދީގެން، ބަޖެޓުން ޚަރަދުކޮށް، އެތަންތަން ސަލާމަތްކޮށް، އާބާތުރަފިލުވައި، އޭގެ ޙަޤީޤީ އައިޑެންޓިޓީއަށް އިޢާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގާނެ ކަމަށެވެ.