ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ 4 މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މާރިޗް 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރީތިހިޔާ، އއ. މާޅޮސް، މުޙައްމަދު އަފްލާޙް (23)، އެލަސް، ނ. ވެލިދޫ، އިބްރާހިމް އަޙްނަފް (21)، ހަވޭލީ، ނ. މަނަދޫ، މުޙައްމަދު އަޒަން (23) އަދި ފަޒާ، ތ. ގުރައިދޫ، ޢަލީ ނަވާފް (21) އެވެ.
މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ހައްޔަރުކޮށްފައިވާ މީހުންނަކީ ކުށުގެ ރިކޯޑު އޮތް ފަރާތްތަކެވެ. އެމީހުން ބުނާގޮތުގައި އެތަނަކީ އެމީހުންގެ ރައްޓެއްސަކު ކުއްޔަށް ނަގާފައިވާ ތަނެއް ކަމަށާއި، އެކަމުގެ އެގްރީމެންޓެއްވެސް އޮންނާނެ ކަމަށް ބުނެފައިވެއެވެ. އަދި އެތަނަށް ދިޔައީ ފައިސާ ލިބޭގޮތަށް ސާފުކުރުމަށް ކަމަށާއި، އެއްވެސް މީހަކަށް ގެއްލުން ދީފައި ނުވާނެކަމަށް ބުނެފައިވެއެވެ.
ނަމަވެސް، މިތަނަކީ އެމީހުން ބުނާ ފަރާތުން ކުއްޔަށް ނަގާފައިވާ ތަނެއްކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމަށް މައްސަލަ ބަލާ ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ އެތަން ކުއްޔަށް ދީފައިވަނީ ގަދަކަމުން އޭނާ ލައްވާ އެގްރީމެންޓުގައި ސޮއިކުރުވައިގެން ކަމަށެވެ.