މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ 23 އަހަރުގެ ގައިދީއެއް މިއަދު ހަވީރު ދަންޖަހައިގެން މަރުވެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފިއެވެ.
މަރުވި ގައިދީއަކީ ސ. މަރަދޫ، ފޯ ފްލާވާ، އިބްރާހިމް ޝަމްވީލް (23 އަހަރު) އެވެ. ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދެއްވިގޮތުގައި މިއަދު ހަވީރު 4:20 ހާއިރު ގައިދީ ޝަމްވީލް އޭނާގެ ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނިފައިވެއެވެ.
ފެނުމާއެކު ވަގުތުން ޝަމްވީލް މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވީ ނަމަވެސް، ހަވީރު 4:55 ގައި ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.
ކަރެކްޝަނަލް ސާވިސްއިން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި ޝަމްވީލަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި، އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ކުށުގައި އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.
މި ހާދިސާއާ ގުޅިގެން ވަގުތުން ފުލުހުންނަށާއި ޝަމްވީލްގެ ޢާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވެއެވެ.