މާލެ ސިޓީގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި، ކާނުތައް ސާފުކޮށް ފެން ހިންދުމުގެ މަސައްކަތް ހަލުވިކުރުމަށް މާލެ ސިޓީ ކައުންސިލުން ފިޔަވަޅުތަކެއް އަޅައިފިއެވެ.
މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް، ހުކުރު ދުވަހުގެ ރޭ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޢަރީޝް، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ ޢަލީ އައިމަން މަސައްކަތް ހިނގާ ސަރަޙައްދުތަކަށް ޒިޔާރަތްކުރެއްވިއެވެ.
މިހާރު މާލޭގެ ތިން ސަރަހައްދެއްގައި ކާނު ސާފުކުރުމާއި ފެން ހިންދާ ހޮޅި ގުޅުވުމުގެ މަސައްކަތް ކުރިއަށްދެއެވެ. އޭގެ ތެރޭގައި ގ. މަޖީދީމަގު (އަތަމާޕެލަސް ކުރިމަތީ) ހަރުލާ ފެންގަނޑު ހިންދުމަށް، ފާށަނާކިލެގެފާނުމަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް ހޮޅިއަޅައިގެން ގުޅުވުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، މަޖީދީމަގާއި ސޯސަން މަގުގެ ބައެއް ސަރަހައްދުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ.
މިކަމާ ގުޅިގެން މޭޔަރ ޢާޒިމް އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ، ވާރޭވެހުމުން މާލޭގައި ފެން ބޮޑުވާ މައްސަލައަކީ އެތައް ދުވަހެއްވަންދެން އިހުމާލުވެފައި އޮތް ކަމެއްކަމަށާއި، ﷲގެ ހެޔޮ ރަޙުމަތުން މިކަން ހައްލުކުރައްވާނެ ކަމަށެވެ.
ވާރޭވެހޭ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަކީ، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ.
މާލެ ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ ފެން ހިންދުމަށް ޒަމާނީ ފެންވަރުގެ "ގްލޯބަލް" ދެ ޕަމްޕު ގެނެސްފައެވެ. އަދި ދާދި އަވަހަށް އެފަދަ އިތުރު ދެ ޕަމްޕު ގެނައުމަށްވެސް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކާނު ސާފުކުރުމާއި ފެން ހިންދާ ހޮޅި ވަޅުލުމުގެ އިތުރުން، ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.