މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ފެން ހަރުލާ ސަރަހައްދުތަކުގެ ކާނުތައް ސާފުކުރުމާއި، ފެން ހިންދުމަށް ހޮޅިއަޅައި ގުޅުވުމާއި، މަގުތައް މަރާމާތުކުރުން ހިމެނެއެވެ.
މި މަސައްކަތް ކުރިއަށްދަނީ މައިގަނޑު ތިން ސަރަހައްދެއްގައެވެ. އޭގެ ތެރޭގައި މަޖީދީމަގު އަތަމާ ޕެލަސް ކުރިމަތި ހިމެނެއެވެ. މި ސަރަހައްދުގައި ހަރުލާ ފެންގަނޑު ހިންދުމަށްޓަކައި ފާށަނާކިލޭގެފާނު މަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް ހޮޅިއަޅައިގެން ގުޅުވައި، އެ ސަރަހައްދުގެ މަގުތައް ފެން ނުހެދޭނެހެން މަރާމާތު ކުރެވޭނެއެވެ. މީގެއިތުރުން، މަޖީދީ މަގާއި ސޯސަން މަގުގެ ބައެއް ސަރަހައްދުތަކުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން ޒިޔާރަތްކުރެއްވިއެވެ.
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންދާކަމަށް ބުނެއެވެ. މީގެ ތެރޭގައި ދާދި ފަހުން ޒަމާނީ ފެންވަރުގެ "ގްލޯބަލް" ދެ ޕަންޕު ގެނައުމާއި، އިތުރު ދެ ޕަންޕު ގެނައުމަށް ނިންމާފައިވާކަމަށް ކައުންސިލުން ހާމަކުރިއެވެ.
ކައުންސިލުން ބުނީ މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.