"ހޯޕް އައިލެންޑް" ގެ މަޝްރޫޢަށް 848 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމައިފި

"ހޯޕް އައިލެންޑް" ގެ މަޝްރޫޢަށް 848 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމައިފި

Author
ހުސައިން
22 މާރޗް 2025 05:20
0

އުތުރުތިލަފަޅުގައި ޤާއިމުކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އަދި ކުށްކުރާ ކުދިންގެ އިސްލާހީ މަރުކަޒު ނުވަތަ "ހޯޕް އައިލެންޑް" ގެ މަޝްރޫޢަށް އެންމެ މަދުވެގެން 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ޚަރަދުކުރަންޖެހޭގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް މުޙައްމަދު މުޢިއްޒުގެ ގަރާރެއްގެ ދަށުން އިއްޔެ ޢާންމުކުރެވުނު ރާއްޖޭގެ އިންވެސްޓްމަންޓް ސިޔާސަތުގައި ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާ 25 މަޝްރޫޢަކަށް ކުރަންޖެހޭ އެންމެ ދަށް އިންވެސްޓްމަންޓްގެ މިންވަރު ކަނޑައަޅާފައިވެއެވެ.

"ހޯޕް އައިލެންޑް" ޤާއިމުކުރުމަށް އެންމެ ދަށްވެގެން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ޚަރަދުކުރަން ނިންމާފައިވާއިރު، އޭގެތެރެއިން 10 މިލިއަން ޑޮލަރު ޚަރަދުކުރަނީ 15 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އަދި 15 މިލިއަން ޑޮލަރު ޚަރަދުކުރާނީ މި އިސްލާހީ މަރުކަޒު ތަރައްޤީކުރުމަށެވެ.

ސެންޓްރަލް ޕްރިޒަން މަޝްރޫޢަށް އެންމެ ދަށްވެގެން 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ޚަރަދުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން 15 މިލިއަން ޑޮލަރު ޚަރަދުކުރާނީ 30 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އަދި ޖަލު ތަރައްޤީކުރުމަށް 15 މިލިއަން ޑޮލަރު ޚަރަދުކުރެވޭނެއެވެ.

ރައީސް މުޢިއްޒުގެ ގަރާރުގައި ހިމެނޭ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ އެއާޕޯޓު މަޝްރޫޢުތަކާއި "އައްސޭރި ޓޫރިޒަމް" މަޝްރޫޢުތަކުގެ އިތުރުން ސޯޝަލް ހައުސިންގ މަޝްރޫޢުތަކާއި ބިން ހިއްކުމާއި ކޯޒްވޭއިން ރަށްރަށް ގުޅުވާލުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.