ގަދަރަށް ހީނަރުކަން އަންނަ ޓްވީޓެއް ކުރިކަމަށްބުނެ ޑރ.އިޔާޒަށް ނަސޭހަތް ދީފި

ގަދަރަށް ހީނަރުކަން އަންނަ ޓްވީޓެއް ކުރިކަމަށްބުނެ ޑރ.އިޔާޒަށް ނަސޭހަތް ދީފި

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 09:36
0

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް އިންޒާރު ދީފި އެވެ.

ގައުމީ ޔުނިވިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަަރު ހުސެއިން ހަލީމް ސޮއި ކުރައްވައި، މިދިޔަ އަންގާރަ ދުވަހު ޑރ. އިޔާޒަށް ދިން ނަސޭހަތުގެ ލިޔުމުގައި ބުނެފައި ވަނީ އޭނާ ކުރައްވާ ސިޔާސީ ޓްވީޓުތަކާ ހެދި ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބޭ ކަމަށެވެ. މީގެ ކުރިންވެސް ޑރ. އިޔާޒަށް އޭނާގެ ޓްވީޓުތަކާ ހެދި ނަސޭހަތް ދީފައިވާ ކަމަށް ޔުނިވާސިޓީއިން ބުނެއެވެ.

އެ ލިޔުމުގައި، ކޮލެޖުގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމާއި ކެމްޕަސް ތެރޭގައި ސިޔާސީ ހަރަކާތްތަކާ ގުޅޭ ކަންތައްތައް ކުރުމާ ބެހޭ ސިޔާސަތަކާ ހަވާލާދީފައިވެ އެވެ.

އެ ސިޔާސަތުގައި ބުނަނީ ސިޔާސީ ކަންތައްތަކުގައި ކޮލެޖު ވަކި ފަރާތަކަށް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އަނގަބަހުން ނުވަތަ ލިޔުމުން ސިޔާސީ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް ނުވަތަ އެފަދަ ފަރާތްތަކާއި އިދިކޮޅަށް ކޮލެޖުގެ މުވައްޒަފަކު ކޮލެޖުގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ ކަމަށެވެ.

އިޔާޒަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. ހާއްސަކޮށް ޓްވިޓާގައި ވަރަށް ގިނައިން ޓްވީޓްކޮށް ހައްދަވައެވެ. ރައީސް ސޯލިހާއި މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރާ އިލްމުވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޑރ. އިޔާޒް ގެންދަވަނީ މި ސަރުކާރު ހިންގާ އަދި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ނަޝީދަށް ވަފާތެރި ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އިޔާޒަށް މިދިން ނަސޭހަތާއި ގުޅިގެން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އަދާކުރަމުންދާ ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓުވައި ނުލެވޭނެކަމަށެވެ.

ޑރ. އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.