ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ. ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކޮށްފައިވާ ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މިރޭ ފުލުހުންގެ މުވައްސާއަަށް ހާޒިރު ކުރީ ކުޑައިރުކޮޅެއް ކުރިންނެވެ.
މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ބިދޭސީން ހޯދައި ޑިޓެންޝަން ސެންޓަރަށް ގެންދިޔުމުގެ މަސައްކަތް ކުރާ ޓާސްކްފޯހުގެ މުވައްޒަފުންނާއި ރިސްކް މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން ފިޔަވައި އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރިކަން އެނގިފައިވާ ކަމަށެވެ.
ބިދޭސީއަކު ދަންވަރު ދޫކޮށްލި މައްސަލަ
އަދި އެ ފާސްކުރި ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާ އެކު ގެންގޮސްފައިވާ ކަމަށާއި، އެ ތަނުން 530،000 ރުފިޔާއާ އެކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސިއަކު އޭގެ ދުވަހެއް ފަހުން ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި:
- އެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަން ސެންޓަރުން ދޫކޮށްލި ބިދޭސީ މީހާއާ ބައްދަލުކޮށްފައިވޭ
- އެ މީހާގެ އަތުގައި ހުރި ފައިސާތައް ހިފައިގެން މިއަދާ ހަމައަށް ޝަމްއާންގެ ގެއަށް އެ މުވައްޒަފުން ވަދެފައިވޭ
ޝަމްއާންގެ ގެ ބަލައި ފާސްކޮށްފި
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ޝަމްއާންގެ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވާކަން ވެސް ފުލުހުން ބުންޏެވެ.
އެކަމަކު ޝަމްއާންގެ ގެއިން ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއްކަން ފުލުހުން ހާމައެއް ނުކުރިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުން ވަކިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމަށް ޝަމްއާން އައްޔަންކުރެއްވީ ނޮވެމްބަރު 19، 2023 ގައެވެ. އެ މަޤާމުން ޝަމްއާން ވަކިކުރުމަށް ފަހު ކޮންޓްރޯލާ ޖެނެރަލްގެ މަޤާމަށް ފުލުހުންގެ ކުރީގެ ކޮމިޝަނަރު އަހްމަދު ފަސީހް ވަނީ އައްޔަންކޮށްފައެވެ.