ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މާދަމާ ރޭ "އާތް އަވާ" ފާހަގަކުރަނީ

ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މާދަމާ ރޭ "އާތް އަވާ" ފާހަގަކުރަނީ

Author
ހުސައިން
21 މާރޗް 2025 10:39
0

މާލެ، (މާރިޗު 22، 2025) – މުޅި ދުނިޔޭގެ ފެންވަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބާއްވާ "އާތް އަވާ" މާދަމާ ރޭ މުޅި ރާއްޖޭގައި ފާހަގަކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ރައްޔިތުންނަށް ގޮވާލައިފިއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ނެރުނު އިޢުލާނުގައިވާ ގޮތުން، މި ޚާއްޞަ ހަރަކާތް ކުރިއަށްދާނީ މާދަމާ ރޭ 8:30 އިން 9:30 އަށެވެ. މި ގަޑީގައި ކޮންމެހެން ބޭނުންކުރަންޖެހޭ ދިއްލުންތައް ފިޔަވައި އެހެނިހެން ހުރިހާ ދިއްލުންތައް ނިއްވާލުމަށް މިނިސްޓްރީން ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލާފައެވެ.

"އާތް އަވާ" އަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ދުނިޔޭގެ ޤުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދެއްކުމެވެ. އަދި 60 މިނެޓަށް ދިއްލުންތައް ނިއްވާލުމުގެ މި ރަމްޒީ ހަރަކާތުގައި، ވަކިވަކި ފަރުދުންނާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތައް ބައިވެރިވުމަށް ހިތްވަރުދިނުމެވެ.

މި ހަރަކާތުގައި ބައިވެރިވުމުން ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ބައިވެރިވުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ދެވޭ ވަރަށް ބޮޑު ޔަޤީންކަމެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.