މާލެ ސިޓީގައި މި އަހަރުވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަ ކުރާނެ

މާލެ ސިޓީގައި މި އަހަރުވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަ ކުރާނެ

Author
ހުސައިން
21 މާރޗް 2025 03:52
0

މާލެ ސިޓީގައި މި އަހަރުވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި އަހަރުގެ އީދު ޙަރަކާތްތައް "ސާދަ އެންޓަޓައިމަންޓް" އާ ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި އިއްޔެ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރެވުނެވެ.

ކައުންސިލުގެ ފަރާތުން މޭޔަރު އާދަމް އާޒިމް އަދި ސާދަ އެންޓަޓައިމަންޓްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޖަޒުލާން ޝަރީފް މި އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.

ސިޓީ ކައުންސިލުން ހާމަކުރިގޮތުގައި، އީދު ދުވަހުގެ ހަވީރު 16:00 ގައި ބޮޑުމަހުގެ ކުޅިވަރުތަކުން އީދު ހަރަކާތްތައް ފެށިގެންދާނެއެވެ. މި ކުޅިވަރު ފެށުމަށް ހަމަޖެހިފައިވަނީ ރަސްފަންނުން ކަމަށްވާއިރު، މަޖީދީމަގު ބޭނުންކޮށްގެން ކުރިއަށްގޮސް އާޓިފިޝަލް ބީޗުގައި ނިމުމަކަށް އަންނާނެއެވެ.

އީދުގެ ފުރަތަމަ ދުވަހަށްފަހު، އީދު ބަންދުގެ ތިން ދުވަހުވެސް އާޓިފިޝަލް ބީޗުގައި ސަގާފީ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

ސަގާފީ ފެސްޓިވަލްގައި، ބަނޑިއާ ޖެހުމާއި ތާރަޖެހުން އަދި ބޮޑުބެރު ޖެހުން ފަދަ ދިވެހި ސަގާފީ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މިހާރު ހުޅުވާލެވިފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ހާމަކުރިގޮތުގައި، ކުޑަ އީދާ ގުޅިގެން މާލެ ސަރަޙައްދު ކުލަ ބޮކިތަކާއި ޝިޢާރުތަކުން ޒީނަތްތެރިކުރުމަށްޓަކައި ސިޓީ ކައުންސިލާއި ސިޓީސް މިނިސްޓްރީ އަދި ސްޓެލްކޯ ގުޅިގެން މަސައްކަތްކުރާނެއެވެ.

ފާއިތުވި އަހަރުވެސް އަތޮޅުތެރެއާ އެއްފަދައިން މާލޭގައިވެސް ކުޑަ އީދު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.