އިސްލާމްކަންމަތީ، ހެޔޮހާލުގައި ތިބެ ރަމަޟާންމަހާ ބައްދަލުވުމަކީ ކުޑަ ނިއުމަތެއް ނޫން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ލައިލަތުލްޤަދްރި" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އިންސާނާގެ އަމަލުތަކުގެ ވާހަކަ ފަތްފުށްތަކުގައި މަލާއިކަތުން ލިޔުއްވާނެކަން ދަންނަވަން ވާނެކަމަށާއި، އެހެންކަމުން ހެޔޮ އަމަލެއް މެނުވީ ކޮށްގެން ނުވާނެ ކަމުގައެވެ.
މާތް ﷲގެ އަޅުތަކުންނޭވެ! މާތް ﷲއަށް ޙަމްދު ކުރާށެވެ! އަޅަމެންގެ އުމުރު މިހައިތަނަށް އިތުރުކޮށް ދެއްވީތީއެވެ! މި މަހާ ހިސާބަށް ފޯރުކޮށް ދެއްވީތީއެވެ!
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ މިހާރު އެންމެހާ މުސްލިމުންވެސް މިތިބީ މިމަހުގެ ފަހު ދިހައިގެ ތެރޭގައި ކަމަށާއި، ވީމާ ހެޔޮ އަމަލުތައް ގަބޫލު ކުރައްވާތޯ މާތްﷲގެ ހަޒުރަތުގައި ދުއާ ދަންނަވަން ވާނެކަމުގައެވެ. އަދި މިއީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް ކަމަށާއި މިދުވަސްތަކުގެ ރޭތައް އިޙްޔާ ކުރުމަކީ އެކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭގޭވަރަށް އިތުރު ކޮށްދެއްވާ ކަމެއް ކަމުގައިވެސް މިއަދު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ ރަމަޟާންމަހުގެ ފަހު ދިހައިގައި ކީރިތި މާތް ނަބިއްޔާ އަމަލުފުޅުތައް ބެހެއްޓެވި ގޮތަށް ބަލާއިރު އެކަލޭގެފާނު ރޭ އަޅުކަމުގައި ގިނަވަގުތު ހޭދަކުރެއްވި ކަމުގައެވެ.