ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު މި ހުއްދަ ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ޕްރޮޖެކްޓް އޭލާ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ދީފައިވަނީ ނ. އަތޮޅު ދިގުފަރު ފަޅުގައި އޮންނަ ދެ ރަށް ކަމަށްވާ ދެކެނަންފަރާއި ކުރަމާދޫއެވެ.
މި މަޝްރޫއުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަރައްގީކުރާނީ މަތީފަންތީގެ ރިއަލްއެސްޓޭޓް ޕްރޮޕަޓީތަކެވެ. އަދި ދުނިޔޭގެ މަތީފެންވަރުގެ ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާއިރު، މި ޓައުންޝިޕަށް ބޭނުންކުރާ 60 ޕަސެންޓު ކަރަންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޒަމާނީ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ވަސީލަތްތައް ގާއިމްކޮށް، މުއްސަނދިން އެ ތަނަށް އަންނާނެ ފަދަ މަތީ ފަންތީގެ ހައުސިންއާއި، ތައުލީމީ އަދި ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ ހުއްދައާއެކު 180 ދުވަހުގެ ތެރޭ، ފީސިބިލިޓީ އެސެސްމަންޓާއި، އިންފްރާސްޓްރަކްޗާ މާސްޓާޕްލޭނާއި، އިންޖިނިއަރިން އަދި ތިމާވެށީގެ ދިރާސާ އަދި ތަފްސީލީ ވިޔަފާރި ޕްލޭނެއް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން ރިއަލްއެސްޓޭޓާއި، ސިއްހީ ޚިދުމަތާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާނެ ގޮތާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރާނެ ގޮތުގެ ޕްލޭން ވެސް ހުށަހަޅަން ޖެހެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ހުއްދައަކީ އެސްއީޒެޑު ގާނޫނުގެ ދަށުން މަޝްރޫއު ހިންގަން ބޭނުންވާ ދިރާސާތައް ކުރަން ދިން ހުއްދައެއް ކަމަށާއި، އަދި ކުރިއަށް ހުރި މަޝްވަރާތަކާއެކު ކުރިއަށް ދާން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.