ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާއާއެކު، ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމައިފިއެވެ. މިއީ ގައުމީ ބޭންކުން މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މީގެ އިތުރުން، ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވާކަމަށާއި، ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް 58% ގައި ހިފަހައްޓާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން 21,000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔައިފައިވާއިރު، މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި 5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ހާސިލުކުރެވުނު މި ކާމިޔާބީއަކީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން ލިބުނު ނަތީޖާއެއްކަމަށެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި މިހާތަނަށް އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް ކުންފުނިން ދޭ އަހުމިއްޔަތުކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭންކުން އިތުރަށް ފާހަގަކޮށްފައިވަނީ، ބޭންކުގެ ފައިދާއިން 25% ގެ ޓެކުހެއް ދައްކައި، ވާދަވެރިކަން ބޮޑު މާހައުލެއްގައި ރަނގަޅު މާލީ ނަތީޖާއެއް ހޯދުމުން ދޭހަކޮށްދެނީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަން ކަމަށެވެ.