ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާ އެއްގޮތަށް ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލުތައް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިގޮތުން 50 މެންބަރުންގެ ވޯޓުން މި ބަދަލުތައް ފާސްކުރެވުނެވެ.
މި ބަދަލުތަކުގެ ދަށުން ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓްރީ އުވާލައްވައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ" އަށް ބަދަލުކުރެވުނެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ" އަށް ބަދަލުކުރައްވައި، އެންވައިރަންމެންޓް އެންޑް ކްލައިމެޓް މިނިސްޓްރީ އުވާލުމަށްފަހު ޓޫރިޒަމް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަންމެންޓް" އަށް ބަދަލުކުރައްވާފައިވެއެވެ.
މި ބަދަލުގެ ސަބަބުން ކުރިން ހައުސިންގ މިނިސްޓްރީގެ ދަށުން ބެލެހެއްޓެމުންދިޔަ ބިން ބޭނުންކުރުމުގެ ކަންކަމާއި، އަރބަން ސަރަހައްދުތައް ތަރައްޤީކުރުމާއި، ޤައުމީ ތަރައްޤީ ރޭވުމާއި ތަފާސްހިސާބާ ގުޅޭ ކަންކަން މިހާރު ބަދަލުކުރެވިފައިވަނީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓްރީގެ ދަށަށެވެ.
ހަމައެއާއެކު، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ސޯޝަލް ހައުސިންގއާ ބެހޭ އެންމެހައި ކަންކަން މިހާރު ބަދަލުކުރެވިފައިވަނީ ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީގެ ދަށަށެވެ. އަދި ކުރިން އެންވައިރަންމެންޓް މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ ހުރިހާ މަސައްކަތެއް މިހާރު ވަނީ ޓޫރިޒަމް އެންޑް އެންވައިރަންމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައެވެ.
މި ބަދަލުތައް ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.