ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑްކުރި މައްސަލަ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އދ.އަށް ހުށަހަޅުއްވައިފިއެވެ.
އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށް، ދައުލަތުގެ އިދާރާތަކުން ހިންގަމުންގެންދާ އިޖުރާއަތުތަކާ ގުޅިގެން "އދ.ގެ ސްޕެޝަލް ރެޕިއުޓާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސް" އަށް އިއްޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައެވެ. އެއީ ހުސްނުއްސުޢޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާއެވެ. މީގެތެރެއިން ސުޢޫދު މިހާރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ޝަމީލް އިތުރަށް ވިދާޅުވީ، މި މައްސަލަ އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ނަގަން މަސައްކަތްކުރާ މައްސަލަ އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ސުޢޫދުއެވެ.
ސުޢޫދު އދ.އަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށާއި، މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބޭނުން ނުވާ ގޮތަކަށް ކޯޓަކުން ޙުކުމެއް ކޮށްފިނަމަ، އެ ޙުކުމެއް ކުރާ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށެވެ.