ސަރުކާރުގެ ސްޓޫޑެންޓް ލޯނާއި ސްޓައިޕެންޑް ފައިސާ ދިނުން ލަސްވާތީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި

ސަރުކާރުގެ ސްޓޫޑެންޓް ލޯނާއި ސްޓައިޕެންޑް ފައިސާ ދިނުން ލަސްވާތީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި

Author
ހުސައިން
17 މާރޗް 2025 07:57
0

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ ސުވާލުކުރުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހެޅުއްވީ ސަރުކާރުން ފޯރުކޮށްދޭ ސްޓޫޑެންޓް ލޯނާއި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ފައިސާ ޖަމާކުރުން ލަސްވުމުގެ ޝަކުވާތައް ލިބުމާ ގުޅިގެންނެވެ.

އަޒާން ވަނީ ދެ ސުވާލެއް ވަޒީރާ ކުރުމަށް ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ސްޓޫޑަންޓް ލޯން ފައިސާ އަދި ސްޓައިޕެންޑް ފައިސާ ދަރިވަރުންނަށް ލިބުން ލަސްވަނީ ކީއްވެކަމާއި، އެކަމަށް ހައްލެއް ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށެވެ. އަޒާން ވިދާޅުވީ މިކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ދަރިވަރުން ވުޒާރާއަށް ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބުދިނުމުގައި ލަސްވާ ސަބަބާއި، އެކަން ހައްލުކުރުމަށް ވުޒާރާއިން އަޅާފައިވާ އަދި އަޅަމުންދާ ފިޔަވަޅުތަކަކީ ކޮބައިތޯވެސް އަޒާން ސުވާލުކުރެއްވިއެވެ. މިކަމުގެ ޝަކުވާވެސް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބިފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ.

އަޒާން މި ސުވާލުތައް ހުށަހަޅުއްވާފައިވާއިރު، ސްޓޫޑަންޓް ލޯނާބެހޭގޮތުން ވުޒާރާއަށް ފޮނުވާ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބެއް ނުލިބޭ ކަމުގެ ޝަކުވާތައް ދަރިވަރުން ސޯޝަލް މީޑިއާގައި ކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.