އިދިކޮޅު ޕާޓީ އެމްޑީޕީން މާލޭގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާގެތެރޭގައި ކުޑަކުއްޖެއްގެ ކަރާމާތަށް ހުތުރުވާގޮތަށް ވާހަކަތަކެއް ދެއްކިކަމަށް ބުނެ، އެމައްސަލައަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން (ކެޕްސް) ތަދައްޚުލްވާން ނިންމައިފިއެވެ.
ކެޕްސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ އެކްޓިވިސްޓް މަންދީ ޒުބައިރު މުޒާހަރާގައި ދެއްކި ވާހަކައިގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، ހަގީގަތާ ޚިލާފް ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ މިފަދަ ޢަމަލު އެންމެ ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށެވެ.
ކެޕްސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ކުޑަކުދިންނަކީ ޚާއްސަ ރައްކާތެރިކަމެއް ދޭންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާއިރު، އެކަމާ ޚިލާފަށް ޢާންމު ތަނެއްގައި ކުޑަކުއްޖަކާ ބެހޭގޮތުން ދޮގު ވާހަކަ ދެއްކުމަކީ ސީރިއަސް ކުށެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއްކަމަށެވެ. އެފަދަ ކަންކަމާމެދު ފިޔަވަޅު ނާޅައިފިނަމަ، މުސްތަގުބަލުގައި މިފަދަ ޢަމަލުތައް އާންމުވެގެން ހިނގައިދާނެކަމަށް އެފަރާތުން ވަނީ ބިރުފާޅުކޮށްފައެވެ.
ކެޕްސްއިން އިތުރަށް ބުނެފައިވަނީ ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަސް، ކުޑަކުދިންގެ ޙައްޤުތަކާއި ކަރާމާތަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިކަމުގައި ކެޕްސްއިން ބަޔާން ނެރެފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވާތީކަމަށް ނޫންކަމަށާއި، އެއީ ކޮންމެ ކުޑަކުއްޖަކަށްވިޔަސް ލިބިގެންވާ ޙައްޤުތަކާއި ކަރާމާތް ހިމާޔަތްކުރުމަށްޓަކައި ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ކެޕްސްއިން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާ، މައްސަލަ ސީރިއަސްކޮށް ބަލައި، ދަޢުވާކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން އަވަސްކުރުމަށް ޕޮލިސް ކޮމިޝަނަރަށް އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، މުޒާހަރާ އިންތިޒާމުކުރި ފަރާތާއި އެވާހަކަ ދެއްކި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށްވެސް ކެޕްސްއިން ވަނީ ގޮވާލާފައެވެ.
މިހާރު ކެޕްސްއިން ވަނީ އެމައްސަލައަށް ގާނޫނީގޮތުން ތަދައްޚުލްވުމަށް ބޭނުންވާ ތައްޔާރީތައް ފަށައިފައިކަން އެފަރާތުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ