ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިންނަށް ނިސްބަތްކޮށް ކުރެވެމުންދާ ފުރައްސާރަތަކާ ގުޅިގެން މަދަނީ ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނިންމަވައިފިއެވެ.
މިކަން އެކަމަނާ ހާމަކުރެއްވީ މިއަދު ނެރުއްވި ޚާއްޞަ ނޫސްބަޔާނެއްގައެވެ. މި ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ޚާއްޞަކޮށް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި، ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދެއެވެ.
ބަޔާނުގައި ކުރެއްވި ފާހަގައިގައި، މި ވާހަކަތަކަކީ ސިޔާސީ ބޭނުމަށްޓަކައި ރައީސާ ގުޅުވައިގެން ދެކެވޭ ވާހަކަތަކެއްކަމަށާއި، މިކަމުގެ ސަބަބުން ރައީސްގެ ދަރިކަލުންނަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ.
ރައީސްގެ 16 އަހަރުގެ ދަރިފުޅަކީ އަދިވެސް ތަޢުލީމީ ހަޔާތް ނުނިމޭ ކުއްޖެއްކަން ފާހަގަކުރައްވައި، އެ ދަރިކަލުންނާއި ރައީސްގެ ދޮށީ ދަރިކަލުންނާއި 8 އަހަރުގެ ދަރިކަލުންނަށް ގަނާކޮށް ފުރައްސާރަކުރުން ފަށާފައިވާކަން ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސްގެ ސިޔާސީ ނިންމެވުންތަކަށް އާއިލާގެ ހައިސިއްޔަތުން އެއްވެސް ނުފޫޒެއް މިހާތަނަށް ފޯރުވާފައިނުވާނެކަމަށެވެ. ނަމަވެސް، މި ފަހަކަށް އައިސް އެކަމަނާއާއި އާއިލާއަށް ފުރައްސާރަކޮށް، ދަރިންގެ ކަރާމާތް ގެއްލުވާލުމަށް މަސައްކަތްތަކެއް ކުރެވެމުންދާތީ، މިކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ނިންމަވާފައިވާކަން ސާޖިދާ ހާމަކުރެއްވިއެވެ.
މި ބަޔާން ވިދާޅުވެދެއްވީ ޤާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރުއެވެ. އާޒިމާ ވިދާޅުވި ގޮތުގައި ރައީސްގެ އާއިލާއިން ޖިނާއީ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާ ކަމަށާއި، އެ ބަދަލުގައި މަދަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަމަށެވެ.