ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރަމުންދާތީ، ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ އިކުއިޓީ ފާމްތަކުގެ ތެރެއިން އެއް ފާމް ކަމަށްވާ އެމެރިކާގެ ބްލެކްސްޓޯނުން ޓީއެމްއޭ އަލުން ގަތުމުގެ މަސައްކަތް ފަށައިފިއެވެ.
ދުނިޔޭގެ ބޮޑެތި މާލީ މުޢާމަލާތްތަކުގެ ޚަބަރު ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން، ބްލެކްސްޓޯނުން މިހާރު ގަންނަން މަސައްކަތްކުރަނީ ބެއިން ކެޕިޓަލްގެ ކޮންސޯޓިއަމްއެއްގެ އަތުގައި މައި ހިއްސާ އޮތް ޓީއެމްއޭއެވެ. ޚާއްޞަ ކަމަކީ، ބްލެކްސްޓޯނުން ޓީއެމްއޭ ގަންނަން އުޅެނީ އެ ކުންފުނިން 2017 ވަނަ އަހަރު ވިއްކާލި އަގުކަމަށްވާ 500 މިލިއަން ޑޮލަރަށެވެ.
2017 ވަނަ އަހަރު ބްލެކްސްޓޯނުން ޓީއެމްއޭ ވިއްކާލުމުގެ މުޢާމަލާތް ވެގެން ގޮސްފައިވަނީ އެ ދުވަސްވަރު ދުނިޔޭގައި ހިނގި އެންމެ ބޮޑެތި ޕްރޮޕަޓީ ވިއްކުމުގެ މުޢާމަލާތްތަކުގެ ތެރެއިންނެވެ. މި މުޢާމަލާތް ކުރި ބެއިން ކެޕިޓަލްއިން ފަހުން ޓީއެމްއޭ ތަރައްޤީކުރުމަށް 120 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ.
ނަމަވެސް ކޮވިޑް-19ގެ ދަތިކަމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ހީނަރުވެ، ދައްކަންޖެހުނު 350 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، މި ލޯނު ދޫކުރި އެމެރިކާގެ ކާލައިލް ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް އަދި ޑޭވިޑްސަން ކެމްޕްނިން ޓީއެމްއޭގެ ކޮންޓްރޯލް ނަގާފައިވެއެވެ.
މާހިރުންގެ ލަފާގައިވާ ގޮތުން، ރާއްޖޭގެ ޓޫރިޒަމްގެ މުސްތަޤުބަލް އުޖާލާވަމުންދާތީ، ބްލެކްސްޓޯނުން މި އިންވެސްޓްމަންޓަށް އަލުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ބެލެވެއެވެ.