ދިގުރަށު ކައުންސިލަށް ދައްކަންޖެހޭ ފީ ނުދައްކާ ކަމަށް ބުނެ އެ ރަށު ތުނޑިއަށް އަރައިގެން އުޅުނު ޓޫރިސްޓުންތަކެއް ރަށުން ބޭލުވި މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފިއެވެ.
ދިގުރަށު ގޮނޑުދޮށުގައި ހުރި ޓޫރިސްޓަކު ފޭބުމަށް ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން އަތުން އިޝާރާތްކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. ޓޫރިސްޓުން ބާލުވާތީ އެ ކަމަށް ބައެއް މީހުން ފާޑުކިޔާފައި ވެސް ވެއެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓަރު، އެލްޖީއޭގެ ރައީސް އާދަމް ޝަރީފް 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިގުރަށުން ފެނުނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތް ބެލުމަށާއި ވަށައިގެންވާ ހާލަތު ދެނެގަތުމަށް އިންކުއަރީއެއް ހިންގާނެ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
"ރަށްރަށުގެ މުޖުތަމައުގެ އަމިއްލަ މިންގަނޑުތަކާއި ސަގާފަތްތަކަށް އިހުތިރާމު ކުރުމުގައި ވެސް އަޅުގަނޑުމެން ދެމި ތިބޭ ހާލު، އަޅުގަނޑުމެން ބާރުއަޅަނީ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ހެޔޮ ގޮތުގައި މަރުހަބާ ކިޔަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމްގައި އެންމެ ނަގާ ކިޔާ އެއް ރަށް، އަދި ހަތަރު ކިލޯމީޓަރަށް ދިގު ރީތި ތުނޑިއެއް އޮންނަ ދިގުރަށަށް އަންނަ ޓޫރިސްޓުންގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމާފައިވެއެވެ. އެއީ ތުނޑި ބަލަހައްޓަން ހަރަދުތަކެއް ވެސް ހިނގާ ކަމަށް ބުނެއެވެ. މިގޮތުން ތުނޑި އާއި ރަށުގެ ގޮނޑުދޮށަށް ކައިރި ކުރާނަމަ ބޮލަކަށް 3 ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ. އަދި ސަފާރީތަކުން އަންނަ ޓޫރިސްޓުން ތުނޑީގައި މަޑުކޮށް ބާބަކިޔު ހަދާ ނަމަ، 5 ޑޮލަރު ދައްކަން ޖެހެއެވެ. މީގެ އިތުރުން ރަށުގައި ތިބޭ ޓޫރިސްޓުން ވެސް، އެ ކަމަށް ހާއްސަކޮށްފައި އޮންނަ ބީޗު ސަރަހައްދު ނޫން އެހެން ބީޗު ތަކަށް ދާ ނަމަ ފީ ދައްކަން ޖެހެއެވެ.
ސަފާރީތަކާއި ލޯންޗުތަކުގައި އައިސް، އެއްވެސް އެނގުމެއް ނެތި ތުނޑި އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ބޭނުން ކުރާ ކަމަށާއި ފުރައިގެން ދަނީ އެ ކަމަށް ކަނޑައަޅާފައި އޮންނަ އަގު ވެސް ނުދައްކާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.