މާލެ (14 މާރިޗް 2025) – ފިހާރައެއްގެ ވަތްގަނޑުން ފައިސާ ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 24 އަހަރުގެ ސްރީލަންކާ ރައްޔިތެއް ކަމަށްވާ ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް އެކަށީގެންވާ ހެކި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތުގެ ބަޔާނާއި، ފިހާރައިގެ ސީސީޓީވީ ފުޓޭޖް ހިމެނެއެވެ. މި ހެކިތަކުން ތުހުމަތުކުރެވޭ ފަރާތް ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާކަން ފެންނަކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ވަގަށް ނެގުނު ފައިސާގެ އަދަދު ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމަށް ނިންމީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާތަކަށް ރިޢާޔަތްކޮށެވެ. ޚާއްޞަކޮށް، ޝަރީޢަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކޯޓުން ދެކެއެވެ. މީގެއިތުރުން، ތުހުމަތުކުރެވޭ ފަރާތަކީ ބިދޭސީއަކަށްވުމުން އޭނާ އަނބުރާ ސްރީލަންކާއަށް ފިލައިގެން ދިއުމުގެ ފުރުޞަތު އޮތްކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ