ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީ މެމްބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭކަމަށާއި، މަޖިލިސް ހިނގަމުންދަނީ ހަމައެކަނި ސަރުކާރު ބޭނުންވާ ގޮތަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުން މިހާރު ޢަމަލުކުރަމުން ގެންދަނީ ކުރީގެ އުސޫލުތަކާ ޚިލާފަށް ކަމަށާއި، މިއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު ކަމެއް ކަމަށެވެ.
"މަޖިލީހުގެ ފްލޯގައި ތަފްސީލްކޮށް ވާހަކަދެއްކުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެން ނުދޭ. ބިލަކަށް ވާހަކަދައްކަމުންގޮސް ރިޔާސަތުން ހިތްހަމަ ނުޖެހޭ ވާހަކައެއް ދެއްކޭއިރަށް އެމްޑީޕީ މެމްބަރުންނަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދީ އަޅުގަނޑުމެން އެބަ ބޭރުކޮށްލާ" ނާޒިލް ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުން ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް، ރިޔާސަތުން އެކަން ބަލައިނުގަންނަ ކަމަށާއި، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވާހަކަ ދައްކަވަން އުޅުއްވިޔަސް އެކަމަށް ހުރަސްއަޅުއްވަމުން ގެންދަވާކަން ނާޒިލް ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވި ގޮތުގައި އެކެއްގެ މުށުތެރެއަށް ދައުލަތުގެ ބާރުތައް ޖަމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރެއް މިއަދު ނެތް ކަމަށެވެ.
"މިއީ ޑިމޮކްރަސީއެއްގައި ކަންކަން ހިނގަންވާނެ ގޮތެއް ނޫން. މަޖިލިސް މިހާރު އޮތީ ޕެރަލައިޒްވެފައި. އެތަނުގައި މަސައްކަތްތައް ކުރިއަށްގެންދަނީ ވަކި ބަޔަކަށް މަންފާވާ ގޮތަށް،" ނާޒިލް ވިދާޅުވިއެވެ.
މީގެއިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، މަޖިލީހުގެ ކަންކަން ހުރިގޮތުން މިހާރު ވަޒީރަކު ގެނެސް ސުވާލުކުރުމުގެ ފުރުސަތުވެސް އެމްޑީޕީގެ މެންބަރުންނަށް ނޯންނަ ކަމަށެވެ.
މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ ފުރުސަތު ނުލިބޭއިރު، އިދިކޮޅުގެ ބައިވެރިވުމާއެކު ގާނޫނެއް ނުހެދޭ ތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ، ޑިމޮކްރަސީގެ އަސާސްތަކަށް އިހުތިރާމްކުރުމަށް ގޮވާލައްވާފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިދިކޮޅު މެމްބަރުންނަށްވެސް ހަމަހަމަ ފުރުސަތު ދިނުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފައެވެ.