ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީ ކުރެވޭ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމް ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް އެވެ. އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ރިސޯޓުތަކުގެ ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތް މާއްދާވެސް އިޞްލާޙުކުރުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން ރިސޯޓުތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމުގެ މުއްދަތަށް ލުއިދިނުމަށްޓަކައި އިތުރު 6 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ.
ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެއެވެ. ނަމަވެސް ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ފަހުން ފައިސާ ދައްކާ ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200,000 އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ