އޭސީސީ ރައީސްގެ މައްޗަށް ފަނޑިޔާރު އަޒްމިރަލްދާ މައްސަލަ ހުށަހަޅައިފި

އޭސީސީ ރައީސްގެ މައްޗަށް ފަނޑިޔާރު އަޒްމިރަލްދާ މައްސަލަ ހުށަހަޅައިފި

ގުޅުންހުރި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، މިއަދު އޭސީސީއަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އަޒްމިރަލްދާގެ ހުށަހެޅުމުގައި ވިދާޅުވެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް އޭސީސީން ފޮނުވި ސިޓީގައި ދޮގު މަޢުލޫމާތު ހިމަނައިގެން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ހުއްޓުވުމަށް އޭސީސީގެ ރައީސް މަސައްކަތްކުރެއްވި ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުޢޫދު ވަނީ ސަސްޕެންޑް ކުރެވިފައެވެ. އަޒްމިރަލްދާގެ ވިދާޅުވުމުގައި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރިކުރި ނަމަވެސް، އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.

"ޖޭއެސްސީން ފަނޑީޔާރުން ސަސްޕެންޑު ކުރުމަށް ނިންމެވި ނިންމެވުމަކީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލުމަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ކުރައްްވާފައި އޮތް ކަމެއް ކަމަށް ފެންނާތީ އެމައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅި," އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ވަގުތު"އަށް ވިދާޅުވިއެވެ.

އަޒްމިރަލްދާ އިތުރަށް ވިދާޅުވެފައިވަނީ، އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާންމު އުސޫލާ ޚިލާފަށް ޖެމްސް މެދުވެރިނުކޮށްކަމާއި، އެ ސިޓީގައި ސިޓީ ނަންބަރެއް ނެތްކަން ވެސް ފާހަގަކުރައްވާފައިވެއެވެ. އަދި އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ކުރަމުންދާކަމަށް ބުނި ނަމަވެސް، 4 މާރިޗު 2025 އާ ހަމައަށް ވެސް މައްސަލަ އޮތީ އިވެލުއޭޝަން ނުވަތަ ޕްރީ-އިންވެސްޓިގޭޝަން މަރުޙަލާގައިކަން އަޒްމިރަލްދާ ފާހަގަކުރައްވާފައިވެއެވެ.

އަޒްމިރަލްދާގެ ތުހުމަތުގައި، ޝާމިލްގެ މި ޢަމަލަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައެއް ކުރިއަށް ނުގެންދެވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވާތީ، އެ މަޤްޞަދު ހާސިލުކޮށްދިނުމަށް ކޮށްފައިވާ ކަމެއްކަމަށާއި، އޭސީސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ފަރާތެއްކަމަށްވާތީ، އަމިއްލަ މަޤާމު ދިފާޢުކުރުމުގެ މަޞްލަޙަތު ވެސް މިކަމުގައި އެކުލެވިގެންވާކަމަށް ވިދާޅުވެފައިވެއެވެ.

މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް އަވަސް ގޮތެއްގައި ހިންގުމަށް އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ