އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރުމަށްޓަކައި 1,800 ކިލޯވޮޓްގެ އާ ޖެނެރޭޓަރެއް އިންޑިއާގެ އުޅަނދެއްގައު މިމަހުގެ 13 ވަނަ ދުވަހު މާލެ ބަނދަރުކުރާނެ ކަމަށް ފެނަކަ ހިތަދޫ ބްރާންޗުން ބުނެފިއެވެ.
ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އުޅަނދު ވަނީ މިހާރު އިންޑިއާގެ ޓުޓިކުރިން ބަނދަރުން ފުރައިގެން ދަތުރު ފަށައިފައެވެ. އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ގެންނަ މި ޖެނެރޭޓަރު މާލެއަށް ގެނައުމަށްފަހު އައްޑޫއަށް ފޮނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދުވަސްތަކެއް ވަންދެން އައްޑޫ ސިޓީގެ ހިތަދޫއާއި ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ކަނޑަމުންދާ މައްސަލައަކީ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޓަރުތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ފެނަކައިން ވަނީ ކުރިން ހާމަކޮށްފައެވެ. އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށް ބުނެއެވެ.
ފެނަކައިން އިތުރަށް ފާހަގަކުރެއްވީ، ރޯދަމަހަކީ ކަރަންޓުގެ ބޭނުންކުރުން އާންމުކޮށް އިތުރުވާ މަހަކަށްވެފައި، އައްޑޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ކަރަންޓަށް ބޭނުންވާ މިންވަރު (ޑިމާންޑް) އިތުރުވަމުންދާ ކަމަށެވެ. އަދި މި މައްސަލައަކީ "ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެއް" ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ފެނަކައިން ޔަގީންކަން ދީފައިވަނީ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިގެން މަސައްކަތްކުރާނެ ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.