ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރާނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، ފަނޑިޔާރަށް ހާޒިރުވުމުގެ ޗިޓް ނުފޮނުވާކަން އެނގިއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑް ކޮށްފައިވާއިރު، އެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައެއް ބަލަމުންދެއެވެ.
ޑރ. އަޒްމިރަލްދާގެ ފިރިކަލުން ބަންދުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އިއްޔެ މަހާޒް ހާޒިރުކޮށްފައިވެއެވެ. މާދަމާ އަޒްމިރަލްދާ ހާޒިރުކުރަން ނިންމާފައިވީ ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހާޒިރުވުމުގެ ޗިޓެއް އަޒްމިރަލްދާއަށް ފޮނުވާފައި ނުވެއެވެ. އަދި އަޒްމިރަލްދާ ހާޒިރުކުރާނެ ދުވަހެއް ވެސް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުޙައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުޢޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެއެވެ. ނަމަވެސް އެ މައްސަލައިގައި އަދި އެއްވެސް ފަނޑިޔާރަކަށް ހާޒިރުވުމަށް އަންގާފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައި ނުވާނެކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.
މަހާޒް އިއްޔެ ޖޭއެސްސީއަށް ހާޒިރުކުރުމުން، ނުފޫޒު ފޯރުވައިގެން ބަންދުން ދޫކޮށްލިކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރިކަން އެނގިވަޑައިގަތް އިރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި، އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފައިވެއެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް މަހާޒް ވިދާޅުވި ކަމަށް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ.
ސުޢޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކޮށްފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ބާޠިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އޭގެ ފަހުން ސުޢޫދު ވަނީ އިސްތިޢުފާ ދެއްވައިފައެވެ.
މި ވަގުތާ ދިމާކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިޞްލާޙެއް ގެނެސް ފާސްކޮށްފައެވެ. ނަމަވެސް އެ އިޞްލާޙު އަދި ތަޞްދީޤުކޮށްފައެއް ނުވެއެވެ.