ރޯދަ މަހުގެ ދުވާލު މަގުމަތީގައި ސިނގިރޭޓް ބޯން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި މީހަކީ ކުރިން އަންހެން ހެދުން އަޅައިގެން ވައްކަންކުރަން އުޅުނު މީހެއްކަން އެނގިއްޖެއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުގެ އިސް ފަރާތަކުން މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ހައްޔަރުކުރެވުނީ ގދ. ވާދޫ ލިލީގެ، 46 އަހަރުގެ މުހައްމަދު ސަބާހްއެވެ. ސަބާހް ހައްޔަރުކުރެވުނީ އޭނާ އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައި ދޫކޮށްލިތާ 24 ގަޑިއިރުވެސް ނުވަނީސްއެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ސަބާހް ދެވަނަ ފަހަރަށްވެސް ސިނގިރޭޓް ބޯން އުޅެދާނެކަމަށް ބެލެވިގެން، ހައްޔަރުކޮށް މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން، ބަންދުގައި ތިބޭ މީހުން ބައިތިއްބާ ސަރަހައްދުގައި ހުރި ގޮނޑީގެ އަތްގަނޑުގެ އިސްކުރު ނައްޓުވައި، އެ އަތްގަނޑު ބޭނުންކޮށް ސްޓޭޝަންގެ ބޭރު ތަޅުގައި ޖަހައި ގެއްލުން ދިންކަމަށް ބުނެއެވެ.
މީގެ އިތުރުން، ކޯޓު އަމުރުގައިވާ ގޮތުން، މުހައްމަދު ސަބާހްއަކީ ކުރިންވެސް 48 ފަހަރު ހައްޔަރުކުރެވިފައިވާ މީހެކެވެ. އޭގެތެރެއިން 25 ފަހަރު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާދީފައެވެ.
މިހާރު ސަބާހްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.