އަންހެން ބޭފުޅަކަށް ފުރައްސާރަ ކޮށްފިނަމަ، ދިފާޢުގައި ހުރިހާ އަންހެން ބޭފުޅުން ތެދުވާން ޖެހޭ: މެޑަމް ސާޖިދާ

އަންހެން ބޭފުޅަކަށް ފުރައްސާރަ ކޮށްފިނަމަ، ދިފާޢުގައި ހުރިހާ އަންހެން ބޭފުޅުން ތެދުވާން ޖެހޭ: މެޑަމް ސާޖިދާ

Author
ހުސައިން
09 މާރޗް 2025 10:28
0

އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަންހެނުން ތެދުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކޮންގްރެސް ޕާޓީން ބޭއްވި އަންހެނުންގެ ތަރާވީހުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް ދެއްވާފައިވާ ބައެއް ކަމަށެވެ. އެގޮތުން އިސްލާމްދީނުގައި މަންމައަށް ދޭންޖެހޭ ޤަދަރު ބައްޕައަށްވުރެ ތިން ގުނަ އިތުރު ކަން ފާހަގަކުރެއްވިއެވެ.

"މިފަދަ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ހަމަހަމަކަމުގެ ވާހަކަދައްކާއިރު، އަޅުގަނޑުމެން ތަބީޢީ ގޮތުން ތަފާތު ބަޔަކަށް ވާއިރުގައި، އަޅުގަނޑުމެންގެ ގޮންޖެހުންތައް ތަފާތު ކަމަށްވާއިރު، އަޅުގަނޑުމެން މަސައްކަތު މާހައުލުގައި މަސައްކަތް ކުރަމުން އައިސް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ގޭތެރޭގެ ކަންކަންވެސް ބަލަހައްޓަން ތިބި މީހުން" މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މިހެންކަމުން، އަންހެނުންނަކީ އެއްކަމަކަށްވުރެ ގިނަ ކަންކަން ކުރާ ބައެއް ކަމަށާ، އެފަދަ މަސައްކަތްތެރި ބަޔަކަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރަމުންދާއިރު އަންހެނުން އެކަމަށް ހިތްވަރުދީގެން ނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދައިން ހިތްވަރު ދިނުމަކީ ވަރަށް ދެރަކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

"އެހެންވީމާ މިއަދު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، މިގޮތަށް އަންހެން ބޭފުޅަކާ ދިމާކުރެވި މިގޮތަށް ދާއިރުގައި ދެންތިބި އަންހެން ބޭފުޅުން ނުކުމެ (އެފުރައްސާރަކުރެވޭ) މީހާގެ ދިފާޢުގައި މަސައްކަތް ކުރަން. މިއީ އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެއް ކަމަކީ" މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

މިއަދު މީސްމީޑިއާގެ އެކި މައްސަތަކުގައި ވަރަށް ގިނައިން، އެކި ގޮތް ގޮތުން އަންހެން ބޭފުޅުންނަށް ފުރައްސާރަ ކުރާތަން ފެންނަމުންދާ ކަން ފާހަގަކުރައްވައި ސާޖިދާ އިތުރަށް ވިދާޅުވީ، އެކަންކަން ހުއްޓުވަން އަންހެނުން ނުކުންނަންޖެހޭ ކަމަށެވެ. އަދި އެ ފުރައްސާރަ ކުރެވޭ މީހުންނާއެކީ އަންހެނުން މަސައްކަތް ކުރަންޖެހޭ ކަމަށް މެޑަމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.