އައްޑޫ ސިޓީ ފޭދޫގައި 45 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މި ސިޓީ ހޮޓާ ޤާއިމްކުރުމަށް ކަނޑައަޅާފައިވަނީ އައްޑޫގެ ދިގިހެރަ ޓޫރިޒަމް ޒޯން (އެސް 4) ސަރަހައްދުގައި ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ބިމުގައި، ސަވާހެލި ރަށާ ދިމާލުގައެވެ. މި ސަރަހައްދު އޮންނަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 2 ކިލޯމީޓަރު ދުރުގައެވެ.
ކައުންސިލުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ސިޓީ ހޮޓާ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑުމިނަކީ 16،664.71 އަކަފޫޓެވެ. އަދި މި ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަށެވެ. ސިޓީ ހޮޓާ ޤާއިމްކުރެވޭ 3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ ސަރަހައްދަކީ ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިމެކެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު ބީލަން ފޮތް ގަތުމުގެ ފުރުޞަތު ލިބޭނެއެވެ. މީގެއިތުރުން، އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށްފަހު ބިޑިންގ ޑޮކިއުމަންޓް ގަތުމުގެ ފުރުޞަތު ލިބޭނެއެވެ.
ބީލަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވެރިފަރާތްތަކުގެ ވިޔަފާރިތަކަށް ނުވަތަ ކުންފުނިތަކަށް ބިޑް ޑޮކިއުމަންޓް ސެޓެއްގެ އަގަކީ 2,000 ރުފިޔާއެވެ. އަދި ބިދޭސީ ވިޔަފާރިތަކާއި ކުންފުނިތަކުން 300 ޑޮލަރު ދައްކަންޖެހޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީގެ އިތުރުން ބިޑިންގ ޑޮކިއުމަންޓަށް ދައްކަންޖެހޭ ފައިސާ ހުށަހަޅަންޖެހޭނެއެވެ.
ކައުންސިލުން ބުނިގޮތުގައި، ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޕްރީ-ބިޑް ބައްދަލުވުމެއް 10 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން ބަންދުކޮށްފައިވާ ބީލަން ހިފައިގެން، 24 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 އަށް ބީލަން ހުޅުވުމުގެ 10 މިނިޓް ކުރިން ހާޒިރުވާންވާނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ސަރަހައްދު ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމުގެ ފުރުޞަތު ފަހިވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.