މިދިޔަ ބުރާސްފަތި ދުވަހު 46 އަހަރުގެ ދިވެހި ފިރިހެނަކު ރޯދަ މަހުގެ ދުވާލު މާލޭގެ މަގުމަތީގައި ސިނގިރެޓް ބޯން މަސައްކަތްކުރި ތުހުމަތުގައި ހައްޔަރުކޮށް، ފުހުލުންގެ ބެލުމުގެ ދަށުގައި ހުއްޓައި ޕޮލިސް ސްޓޭޝަނަށް ގެއްލުންދިނުމުގެ ތުހުމަތުގައި އިތުރަށް ދަޢުވާ ކުރިމަތިވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ބުރާސްފަތި ދުވަހު ހެނދުނު 11:40 ހާއިރު މި ފިރިހެނާ ހައްޔަރުކުރީ މަގުމަތީގައި ހުރެގެން އަތުގައި އޮތް ސިނގިރޭޓެއް ރޯކުރަން މަސައްކަތް ކުރަނިކޮށެވެ. ހައްޔަރުކުރުމަށްފަހު މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް ހޯލްޑިން ރޫމުގައި ބަހައްޓާފައި ހުއްޓައި، އެ ތަނުގައި ހުރި ގޮނޑީގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓައި، އެ އަތްގަނޑު ނެއްޓުމަށްފަހު އޭގެ ބޭނުންކޮށްގެން ހޯލްޑިން ރޫމުގެ ބޭރު ދޮރުގެ ތަޅަށް ގެއްލުން ދީފައިވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލަގައި ކޯޓުން ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ކަނޑައަޅާފައެވެ. ކޯޓް އަމުރުގައިވާ ގޮތުން އެ މީހާއަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ތަފާތު ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން މިހާތަނަށް 25 ފަހަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ