ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދޭން ނިންމި 4000 ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މަޢުލޫމާތު މިހާރުގެ ސަރުކާރުން ރިވިއުކޮށް ފްލެޓް ދޭނެކަމަށް ކަނޑައަޅައި އިޢުލާނު ކޮށްފައިވާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަޙީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަޙީދު ވިދާޅުވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ރިވިއު ކުރާނީ ހަމައެކަނި ކުރީގެ ސަރުކާރުން 4000 ފްލެޓު ދީފައި ހުރި މީހުން އެކަނި ކަމަށެވެ.
"ނަމަވެސް ނިމިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ނެރުނު ލިސްޓަށް ބަލާލިއިރު، 4000 ފްލެޓް ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މަޢުލޫމާތު ރިވިއުކޮށް ފްލެޓް ދޭނެކަމަށް ކަނޑައަޅައި އިޢުލާނު ކޮށްފައިވޭ" ކަމަށް ވަޙީދު ވިދާޅުވިއެވެ.
އިބްރާހިމް ވަޙީދު ވިދާޅުވީ ފްލެޓު ލިސްޓުގައި ނުހިމެނޭ 577 މީހުންގެ މަޢުލޫމާތު ރިވިއުކޮށް ފްލެޓު ދޭނެކަމަށް އިޢުލާނު ކޮށްފައިވާއިރު، މިއީ މަދު އަދަދެއްވެސް ނޫންކަމަށެވެ. އަދި އެއްވެސް މީހަކަށް ފްލެޓު ލިބުމަކީ ކަންބޮޑުވާ ކަމެއް ނޫންކަމަށާއި، ނަމަވެސް އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވަޙީދު ވިދާޅުވީ 56 ފަރާތެއްގެ މާކްސްއާއި ކުޅެ މާކްސް މަތިކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. "ކަން މިހެން ހުރިއިރު މި ސަރުކާރުން އަލުން މި ފްލެޓު ލިސްޓު ރިވިއު ކުރީ ނުވަތަ ޕޮއިންޓުތައް ބަދަލުކުރީ ކޮން އުސޫލަކުންކަން ބުނަން ނޭނގޭ، އަދި މިކަން ބެލޭނެ ގޮތެއްވެސް ނެތް" ކަމަށް ވަޙީދު ވިދާޅުވިއެވެ.
އިބްރާހިމް ވަޙީދު އިތުރަށް ވިދާޅުވީ، ޑރ. ހައިދަރުގެ ދެމަފިރިކަނބަލުންނަށް ފްލެޓު ލިބިފައިވަނީ އެމްޑީޕީ ސަރުކާރުން އެބޭފުޅުންނަކީ ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ކަނޑައަޅާފައި އޮތުމުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާ ކަމަށެވެ.
"ޑރ. ހައިދަރުގެ ދެމަފިރިކަނބަލުންނަކީވެސް ފްލެޓަށް ޝަރުތު ހަމަވާ ބޭފުޅުން، ނަމަވެސް އެމްޑީޕީގެ ފްލެޓް ލިސްޓުގައި ފްލެޓު ލިބުނު މީހުންގެ އިތުރުން ޝަރުތު ހަމަވާ 15751 މީހުން އެބަތިބި" ކަމަށް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ ފްލެޓު ލިސްޓަށް ޝަރުތު ހަމަވާ 15751 މީހުން ތިބިއިރު، އޭގެތެރެއިން ހަމައެކަނި ހައިދަރުގެ ދެމަފިރިކަނބަލުންގެ ޝަރުތުހަމަވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެދެންނެވި ގޮތުގެ މަތިން ޝަރުތު ހަމަވެގެން ފްލެޓު ލިބެންޖެހޭނަމަ، ލިސްޓުގައި ދެންތިބި 15749 މީހުންނަށްވެސް ފްލެޓު ލިބެންޖެހޭނެ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ފާހަގަކުރެއްވި ގޮތުގައި، "ކަންމިހެން ހުރިއިރު، 4000 މީހުންގެ މި ފްލެޓު ލިސްޓާއި މި ސަރުކާރުން ކުޅެފައި މިވަނީ އެ ބޭފުޅުން ބޭނުންވާ ބަޔަކަށް ފްލެޓު ދިނުމުގެ ބޭނުމުގައި" ކަމަށެވެ.
ކޮމެންޓު ފޮނުވާ