މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް މިފްކޯގެ އައު ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެއެވެ.
މިމަހުގެ 5 ވަނަ ދުވަހު މިފްކޯގެ ސީއީއޯގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަރުޙަތު ޝަހީރު، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެކުންފުނި މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.
"މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ. ވަރަށް ޓަފް ޑިސިޝަންތަކެއް އަޅުގަނޑުމެން ނަގަން ޖެހޭނީ. އެކަންކަން ކުރެވިއްޖެ ކަމަށްވަންޏާ ﷲ އިރާދަފުޅާއެކު މިކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް" ފަރުހަތު ވިދާޅުވިއެވެ.
އައު ސީއީއޯ ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީތަކެއް ގެނެވިއްޖެނަމަ، ކުރިއެކޭ އެއްގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މިކަން ހާސިލްކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުން މި އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ.
ފަރުޙަތު ޝަހީރަކީ ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1986 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް 26 އަހަރު ދިވެހި ސިފައިންގޭގައި ޚިދުމަތްކުރައްވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވަނިކޮށް ސިފައިންގެއިން ރިޓަޔަރ ކުރެއްވިއެވެ.
މީގެ އިތުރުން ފަރުޙަތު ޝަހީރަކީ 2014 އިން 2018 އަށް އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަޤާމުގައި ހުންނެވި ދުވަސްވަރު އައިޖީއެމްއެޗަށް ބޮޑެތި ތަރައްޤީތަކެއް ގެނެސްދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ