މިސަރުކާރަކީ މަސްވެރިކަމުގެ ސިޔާސަތެއް ނެތި، ދެ އަހަރު ފާއިތުވެެގެންދިޔަ އިރުވެސް މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ތަންފީޒު ކޮށްދެވުނު ސަރުކާރެއް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާ ދިނުންމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިން ކުރަމުންދާ އިޚްތިޖާޖުތަކާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ މިސަރުކާރަށް މަސްވެރިންގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. މަސްވެރިންގެ މައްސަލަ ހައްލު ކުރެވޭނީ ސިޔާސަތެއް އޮވެގެން ކަމަށާއި، މިސަރުކާރުގައި މަސްވެރިންގެ މައްސަލަ ހައްލުކުރެވޭނެ ސިޔާސަތެއް ނެތްކަމަށެވެ. ރައީސް ޞާލިހު އިއްޔެ ދައްކަވާ ވާހަތަކާއި، ރައީސް ނަޝީދު މިއަދު ދައްކަވާ ވާހަކާއި ދިމާނުވާއިރު، މަސްވެރިކަމުގެ ވަޒީރާއި، މިފްކޯގެ އެމްޑީ ދައްކަވާ ވާހަކަ ދިމާ ނުވާކަމީ މަސްވެރިކަމުގެ ސިޔާސަތެއް ނެތި މަަސއްކަތް ކުރަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
މަސްވެރިންނަކީ ރާއްޖޭގެ އެންމެބޮޑު އާބާދީއެއް އެއިން ލިބޭ މަންފާއަށް ބަރޯސާވާންޖެހޭ ސިނާއަތަށްވާއިރު، މަސްވެރިކަމުގެ ސިނާއަތަށް އެއްވެސް އަޅާލުމެއް ނެތި، ކަހާތަން ހިރުވާވެސް ނުލައި ތިބޭތިބުމަކީ މިސަރުކާރުގެ ވެރިން މިއަދު ލަދު ގަންނަންޖެހޭ ކަމެއްކަމަށް ހީނާ ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގައި ދެވުނުހާ ރަށަކަށް ވަޑައިގެންނާއި، ކަނޑުމަތިންނާއި، ބަދަރުމަތިންނާއި، ދޯނިތަކަށް އަރައި ވީވައުދެއް މިއަދު ހަދާނުގައިވެސް ނެތްއިރު، މިއިންކަމެއް ފުއްދައި ނުދެވޭކަމީ މިއަދު މަސްވެރިން އިހުތިޖާޖު ކުރަންޖެހޭ ސަބަބުކަމަށެވެ.
މިއަހަރުވެސް މި ނިނުނީ. މަސްވެރިން ހައްގު ނުލިބިގެން އަހަރު ނިމި އާއަހަރު ފެށޭއިރުވެސް ކަނޑު މަތީގައި މުޒާހަރާގަ. މިސަރުކާރަށް މަސްވެރިންގެ އަޑެއްނީވޭ. އިވުނަސް އަހަންވެސް ބޭނުމެއް ނުވޭ. މިބޭފުޅުންނަކީ މަސްވެރިކަމުގެ ސިޔާސަތެއް އޮވެގެން ވެރިކަން ކުރާބައެއްނޫން. ދެރައީސުން ދައްކަވާ ވާހަތަކަ ދިމާނުވާތާގަ، ވަޒީރާއި މިފްކޯ އެމްޑީ ދައްކަވާ ވާހަކަވެސް ދިމާނުވޭ. މަސްވެރިންނަށް މިހާބޮޑު އިހުމާލެއްވުމުން އެންމެ ރަނގަޅުވާނީ ރައީސް ޞާލިހުއާއި، މިނިސްޓަރ ޒަހާ މަޤާމުން އިސްތިއުފާ ދެއްވުން.
– ހީނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމު ފުރުއްވި ހަސަން ޒަރީރު ވިދާޅުވީ މަސްވެރިންނަކީ ޕީޕީއެމްކަމަށެވެ. މަސްވެރިންގެ ހައްގުތައްވެސް މަސްވެރިންގެ އަޑުވެސް އަހަން ކެރޭނީ ޕީޕީއެމްއަށް ކަމުގައެވެ. ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގެ މަސްވެރިންނަށް ހަމަ އަގު ހޯދައިދީ، މަސްވެރިންގެ އަޑު އަހައި، މަސްވެރިންނަށް ފަހި ގޮތްތަކެއް ތަނަވަސް ކޮށްދެއްވާފައިވަކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އެކަން މަސްވެރިން ހެޔޮ ހިތުން ބަލައި ގަންނަކަމަށެވެ.
އަޅުގަނޑުމެންނަކީ މަސްވެރިންގެ ޓީމު، މަސްވެރިންގެ އަޑު އެހީ އަޅުގަނޑުމެން. މަސްވެރިންގެ މައްސަލަތަކަށް ހައްލު ގެނައީ ރައީސް ޔާމީން. މިއަދު މަސްވެރިން ވަނީ ހާލުގައި ޖައްސައި ނިކަމެތިކޮށްފަ. އިހުތިޖާޖުކޮށް، ހައްގު ހޯދުމަށް މަސްވެރިންނާއިއެކީ އޮތީ މި ޓީމް.
– ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން މަހުގެ އަގު 30 ރުފިޔާއަށް ހަދާނެކަމަށް ވައުދުވި ކަމަށާއި، ނަމަވެސް މިއަދު މަސްވެރިންނަށް 12 ރުފިޔާއަށްވެސް މަސް ނުވިކި މަސްކޮޅު ކަނޑައަށް އަޅާލާކަމީ ހިތާމަހުރި ކަމެއްކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންގެ އަޑު އަހައި މަސްވެރިންގެ މައްސަލަތަކަށް ހައްލު ގެނައުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ ބޭނުން ސިޔާސީ މަންފާތަކަށް ހާސިލް ކުރުންކަމަށެވެ.
ރާއްޖޭގެ މަސްވެރިންނަށް ހަމަ އަގުނުލިބި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށް އަޑު އުފުލަމުންދާއިރު، މަސްވެރިންގެ އަޑު މިސަރުކާރުން ނާހާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ