ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޚާއްޞަ އިންޝުއަރެންސް ކާޑެއް ތަޢާރަފުކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގައި އެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހި، ރީއިމްބާސްމަންޓްގެ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ޝަކުވާ ހުށަހަޅާފައެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވީ މި މައްސަލަ ހައްލުކޮށް، ރީއިމްބާސްމަންޓަށް ނުޖެހޭ ނިޒާމެއްގެ ތެރެއިން، އިންޝުއަރެންސް ކާޑެއް މެންބަރުންނަށް ޚާއްޞަކޮށް ތަޢާރަފުކުރުމަށް އެލައިޑްގައި އެދުމަށެވެ.
ހުށަހެޅިފައިވާ ގޮތުގައި މި ކާޑު ފަރުމާކުރެވޭނީ ވަކި ލިމިޓެއް ކަނޑައަޅައި، އެ ކާޑުން ރާއްޖެއިން ބޭރުގައި ކުރާ ބޭސްފަރުވާއަށް ސީދާ ފައިސާ ދެއްކޭ ގޮތަށެވެ.
މި ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކުރެއްވިއެވެ. އަދި ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްވިއެވެ.
އިތުރު ކަމެއްގެ ގޮތުގައި މެންބަރު އިބްރާހިމް ދީދީ ވަނީ ހެލްތު އިންޝުއަރެންސް އެލައިޑަށް އިތުރު މުއްދަތަކަށް ދިނުމަށްވެސް ތާއީދުކުރައްވާފައެވެ. އަދި ދައުލަތުގެ ބަޖެޓަށް އިތުރު ބުރައެއް ނާރާނެ ގޮތަށް މެންބަރުންނަށް މިހާރުވެސް ލިބެމުންދާ އިންޝުއަރެންސް ހަރުދަނާކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ