ޑިފެންސް މިނިސްޓްރީއިން މިއަދު ހާމަކުރި ގޮތުގައި ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ތަމްރީނުތައް ކުރިއަށް ގެންދާނީ މި މަހުގެ 9 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހަކު ހަވީރު 4 އިން 6 އަށް އަދި ކޮންމެ އަންގާރަ ދުވަހަކު ރޭގަނޑު 10 އިން އަނެއް ދުވަހުގެ ފަތިހު 1 އަށް ކަމަށް ވެސް އެ ފަރާތުން ހާމަކޮށްފައިވެ އެވެ.
ތަމްރީނުތައް ކުރިއަށް ގެންދާނީ ހުޅުމާލެ ފޭސް 1 އަދި 2 ގައި ކަމަށް ބުނެފައިވާއިރު، މިފަދަ ތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ސިފައިންވަނީ މިފަދަ ތަމްރީނުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެ އެވެ.