މާލެ ސަރަހައްދުގައި ފެންނަމުންދާ ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތަކާ ގާތް ނުވުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ފަހަކަށްއައިސް މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން، އެކަމުގެ ހަގީގަތް ދެނެގަތުމަށް ސާމްޕަލްތައް ނަގައި ތަހުލީލުކުރެވުނެވެ. މި ތަހުލީލުތަކުން ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ "އިންފެކްޝަން ކޮރައިޒާ" ކަމަށް ދެނެގަނެވިފައިވެއެވެ.
މި ބައްޔަކީ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލާދޭ "އެވިބެކްޓީރިއަމް ޕެރެގެލިނޭރަމް" ކިޔާ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެއްކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މި ކޮތަރުތަކަށް ކެންޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައްވެސް ޖެހިފައިވާކަން ތަހުލީލުތަކުން ހޯދިފައިވެއެވެ.
މި ބައްޔަކީ ވަރަށް ބޮޑަށް ފެތުރޭ ބައްޔެއްކަމަށާއި، މީގެ ސަބަބުން ދޫނިތަކުގެ ނޭފަތުން ފެން އައިސް، ކެއްސާ، ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއިންބުއިމަށްވެސް އުނދަގޫވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި ބަލި ބޮޑުވުމުން ކޮތަރުތައް މަރުވެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި ކޮންޓްރޯލް ކުރެވޭނެ ބައްޔެކެވެ. އަދި މި ބަލީގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނުވާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންނަމަވެސް، ރައްކާތެރިކަމުގެ ގޮތުން ކުޑަކުދިން މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކައިރި ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ބޮޑެތި މީހުންވެސް އެފަދަ ކޮތަރުތަކުގައި އަތްލައި ހިފައިއުޅޭއިރު، ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށް އަންގާފައިވެއެވެ.