ސުޕާރީ މަނަލެއްނޫން، ޕެކިން ބަދަލު ކުރީމަ ބޭނުން ކުރެވޭނެ: ރައީސް ނަޝީދު

ސުޕާރީ މަނަލެއްނޫން، ޕެކިން ބަދަލު ކުރީމަ ބޭނުން ކުރެވޭނެ: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 03:41
0

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެ އެތެރެކުރުން މަނާކުރާނެ ބާވަތްތަކެއް ސަރުކާރުން އެކަށައަޅައިވާއިރު، ސުޕާރީ އެތެރެ ނުކުރެވޭކަމަށް ބުނެ ދައްކަވާ ވާހަރަކަށް ރައީސް ނަޝީދު ތަފްސީލެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕާރީ އެތެރެ ކުރުން މިޤާނޫނުން މަނާ ނުކުރާކަމަށެވެ. ސުޕާރީ މިހާރު އެތެރެ ކުރަމުންދާ ޕެކިން ބަދަލުކޮށްލުމުން، ސުޕާރީ އެތެރެ ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު، މިދިއަ ޖުލައި މަހުގެ ތެރޭގައި އެ ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ އިސްލާހު ކޮށްފައި ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ.

އިއްޔެ ގެޒެޓުކުރި ލިސްޓުގައިވާ ގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅި އާއި، ތައްޓާއި އަދި ސަމުސާ ފަދަ ތަކެތީގެ އިތުރުން ކާބޯތަކެތި ބަންދު ކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި ހިމެނެ އެވެ.

މީގެ އިތުރުން ހިމެނޭ ބާވަތްތަކަކީ:

– ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި

– ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

– ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު

– ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ

– 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި

– ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު

– 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި

– ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ އިސްލާހުކޮށްފައި ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ. ނަމަވެސް، ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް އަސަރު ކޮށްފައިވާއިރު އަންނަ އަހަރު ޕްލާސްޓިކްގެ ގިނަ ބާވަތްތައް އެއްފަހަރާ އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމުގެ ފުރުސަތު ދިނުމަށް، މަޖިލީހުން ވަނީ މިމަހު އިތުރު އިސްލާހެއް ގެންނަން ފާސްކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.