ގާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް، ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެފަރާތްތަކުގެ އާއިލާތަކަށް ޚާއްޞަކޮށްގެން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ސީޕީ ޒަރީރު ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ދެވެން އޮންނަ ލުއިތައް ދިނުމުގެ އިތުރުން، އެފަރާތްތަކާއި އާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ބާރުއަޅުއްވަމުންދާ ކަމަށެވެ.
"ގައިދީން ރިހެބިލިޓޭޓްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކިޔަވައިދޭ އެއްޗެއްސާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމު،" ސީޕީ ވިދާޅުވިއެވެ.
ސީޕީ މިހެން ވިދާޅުވިއިރު، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 އިންސައްތައަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއް ކަމަށް ސީޕީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަ ވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަން ބައްޓަންކުރުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ރައްޔިތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ ސިޔާސަތެއް ކަމަށްވެސް ސީޕީ ޒަރީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ