ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުޢޫދު އިސްތިޢުފާ ދެއްވައިފިއެވެ. ސުއޫދު ފަނޑިޔަރުކަމުން އިސްތިއްފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައި އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.
ފަނޑިޔާރު ސުޢޫދު އިސްތިޢުފާ ދެއްވާފައިވަނީ އޭނާއާ ދެކޮޅަށް ޖިނާއީ ތުހުމަތެއް ކުރެވި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ. މިފަދަ ތުހުމަތުތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވެސް މިވަގުތު ތިބީ ސަސްޕެންޑް ކުރެވިފައެވެ.
އިސްތިޢުފާގެ ސިޓީގައި ފަނޑިޔާރު ސުޢޫދު ވިދާޅުވެފައިވަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގެނެވުނު ޤާނޫނުއަސާސީގެ އިސްލާހު ބާތިލްކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންވާކަމަށް ނިންމުމާއެކު، ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ހަމައެއާއެކު، ފަނޑިޔާރު ސުޢޫދު ފާހަގަކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް މަޖިލީހުން ފާސްކުރި ބިލަކީވެސް މި މައްސަލައަށް ނުފޫޒު ފޯރުވުމަށް އެޅި ފިޔަވަޅެކެވެ.
ފަނޑިޔާރު ހުސްނުއް ސުޢޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު 8 ވަނަ ދުވަހު، މީގެ 7 އަހަރު ކުރިންނެވެ.